ޢާއިލާ ތެރޭގައާއި ތަޢުލީމީ މާޙައުލުގައި ވެސް ކުޑަކުދިންގެ ބައިވެރިވުމާއި މުހިންމު ކަން އެ ކުދިންނަށް އިހުސާސްކޮށް ދޭން ޖެހޭ – މިނިސްޓަރ ޝިދާތާ

ޢާއިލާ ތެރޭގައާއި ތަޢުލީމީ މާޙައުލުގައި ވެސް ކުޑަކުދިންގެ ބައިވެރިވުން އޮތްކަމާއި، އެ ކުދިންނަކީ މުހިންމު ބައެއް ކަން އިހުސާސްކޮށް ދޭން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ޓެލެވިޜަން މޯލްޑިވްސް މެދުވެރިކޮށް މިއަދު ދެއްވި ޚިޠާބުގައި މިނިސްޓަރ ޝިދާތާ ވިދާޅުވީ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ ކުޑަކުދިން ބާރުވެރިކުރުވުން ކަމުގައި ވާ އިރު، ކުޑަކުދިން ބާރުވެރި ބަޔަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން ކުޑަކުދިންނާ ގުޅުން ހުރި ސިޔާސަތުތަކަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށާއި، ކުޑަކުދިންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެ ކުދިންގެ ވިސްނުމާއި ޚިޔާލު ހޯދުމާއި، އަނިޔާއާއި އިހުމާލުވުމުގެ މައްސަލަތަކާ މެދު ކުޑަކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ހޭލުންތެރިކުރުވަމުން ދާ ކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރެވިގެން ދާ އިރު، ކުޅިވަރާއި އެކި ހަރަކާތްތައް މެދުވެރިކޮށް، ދުވަހުގެ ޝިޢާރު އެ ކުދިންގެ ހިތްތަކުގައި އަށަގަންނުވައި، ހަޤީޤީ މާނައިގައި ވެސް ކުޑަކުދިން ބާރުވެރި ބަޔަކަށް ހަދަން ޖެހޭ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖަކީ ވެސް ތުއްތު އިރުއްސުރެ ޢާއިލީ ލޯބި ލިބޭނެ ކުދިން ކަން ކަށަވަރުކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ. އަދި ތަފާތު އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިން ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާ އިރު، އެ ކުދިންނަށް ޢާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ފަހިކުރުމުގެ ގޮތުން ފޮސްޓަރކުރުމުގެ އުސޫލަށް މުހިންމު ބަދަލުތަކެއް ގެނެވި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުން ޙަވާލުކުރުމާ ބެހޭ އުސޫލު މިހާރު ގެޒެޓްކުރެވިފައިވާ ކަން މިނިސްޓަރ ޝިދާތާ ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ބައެއް ކުދިން ބައެއް ޢާއިލާތަކުން މިހާރު ވެސް ފޮސްޓަރކުރަމުން ދާ އިރު، އެ ފަދަ ކުދިންނަށް އުޖާލާ ދިރިއުޅުމެއް ތަނަވަސްކޮށްދީ، ހަރުދަނާ ޒުވާނުންތަކެއްގެ ގޮތުގައި ބިނާކުރުމަކީ މުޅި ޤައުމުގެ ތަރައްޤީއަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ. އަދި މި ފަދަ ކަންކަމުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާ ކަން މިނިސްޓަރ ޝިދާތާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

05 ރަމަޟާން 1440

10   މޭ   2019

Leave a Reply

Your email address will not be published. Required fields are marked *