ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތުކޮށް ނިންމާ ޖެންޑަރ މިނިސްޓްރީއާ ހަވާލުކޮށްފި

ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑަރ މިނިސްޓްރީއާއި މިއަދު ހަވާލުކޮށްފިއެވެ. އެކަމަށްޓަކައި ސްޓެލްކޯގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ މަސައްކަތް ނިންމާ މިނިސްޓްރީއާއި ހަވާލުކުރި ލިޔުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީއެވެ. ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢާއިޝަތު މުޙައްދުދީދީ ވިދާޅުވީ، މިއަދަކީ މިނިސްޓްރީއަށްވެސް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި، އެ މަސައްކަތަކީ ފަހަރެއްގައި ކުޑަ ކަމެއްގެ ގޮތުގައި ބަޔަކަށް ވިސްނިދާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ސަބަބުން ބައެއްގެ ޙަޔާތަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތުނުކޮށް ބޭނުންނުކޮށް ހުންނަތާވެސް ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށެވެ. އަދި ސްޓެލްކޯގެ އިޖުތިމާޢީ ޒިންމާގެ ދަށުން، ކޮށްފައިވާ އަގުހުރި މަސައްކަތަށް މެނޭޖިންގ ޑިރެކްޓަރ މުޣުނީއަށާއި، އެކަމުގައި ޢަމަލީގޮތުން ބައިވެރިވި، އެންމެހާ ފަރާތްތަކަށް ޚާއްސަ ޝުކުރެއް މިނިސްޓަރ ވަނީ ދަންނަވާފައެވެ.

“މިވަގުތުވެސް މަރުކަޒުގައި އެބަތިބި 199 މީހުން. މިއީ ހަމަ ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ ޢަދަދެއް. ވެއިޓިންގ ލިސްޓެއްގައި މިހާރުން މިހާރަށްވެސް އެތަނަށް ގެންދަންޖެހޭ މީހުން އަބަދުވެސް ތިބޭ. އެހެންވީމަ މިއަދު މި ވޯޑް ހަވާލުކުރުމާއި ގުޅިގެން 28 ޖާގަ އިތުރުވެގެން މިދިޔައީ. މި 28 ޖާގައިގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ބައެއްގެ ދިރިއުޅުން އަދި އެމީހުންގެ ތަކުލީފުތަކަށް ބަދަލެއް މިގެނެސްދެވުނީ. އެއީ ތިބޭފުޅުން ތިކުރައްވާ އިޖުތިމާޢީ ޚިދުމަތުގައި އަގު ހުންނަ ސަބަބަކަށް ވެގެން މިދަނީ” މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރެވުނު މަސައްކަތުގެ ސަބަބުން މުޅި ކުންފުންޏަށްވެސް ޚާއްސަ އުފަލެއް ލިބިގެންދާކަމަށެވެ.

“އަޅުގަނޑުމެންގެ މިކުންފުންޏަކީ ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުންޏަކަށްވާއިރު، މިއަދު އަޅުގަނޑުމެންގެ ކުންފުނި ބަދަލުވެފައިމިވަނީ އަޅުގަނޑުމެންނާއި އެއްކޮށް، އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮށްދޭން މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގައި. އެހެންވީމަ މުޖުތަމަޢުގެ އެހީތެރިކަމަށް އެކި ގޮތްގޮތުން ބޭނުންވެފައިވާ ފަރާތްތަކާއި، ޚާއްސަ އެހީތެރިކަމަކަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން، އަޅުގަނޑުމެންގެ އެހީތެރިކަން އެފަރާތްތަކަށް އެބަ ފޯރުކޮށްދެން” މުޣުނީ ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓެލްކޯއަކީ ޤައުމީ ފެންވަރުގައި ބާއްވާ އެކި އެކި ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކުންފުންޏެއްކަން ފާހަގަ ކުރައްވާ މުޣުނީ ވިދާޅުވީ، މިއަދު ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހިންގި ފަދަ އިތުރު ޕްރޮގްރާމްތައްވެސް ކުރިއަށްއޮތް ތަނުގައި ސްޓެލްކޯއިން ހުއްޓުމެއްނެތި ހިންގަމުންދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވާ އެމަސައްކަތް ވަރަށް ގާތުން ބައްލަވަމުން ގެންދެވިކަމަށްޓަކައި، ނައިބު ރައީސް ފައިޞަލް ނަސީމަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާ ކަމަށާއި، ޖެންޑާރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ އާއި، މި މަސައްކަތުގައި ޝާމިލުވެ އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ބޭފުޅުންނަށް މުޣުނީ ވަނީ ޝުކުރު ދަންނަވާފައެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 5 ވަނަ ބްލޮކް މަރާމާތު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، އެ ބްލޮކްގައި ހުރި 2 ފާޚާނާ ކޮޓަރީގެއާއި، ފާޚާނާ ބަރީގައި ހިމެނޭ 6 ފާޚާނާގެ ފްލޯ ޓައިލްސް ބަދަލުކުރުމާއި، އެތަނުގައި މިހާރު ސިންކު ބޭނުން ކުރަމުން އަންނަތަން ބަދަލުކޮށް އެތަން ކޮންކްރީޓްކޮށް ބެއްދުން ހިމެނެއެވެ. އަދި ބަދިގެ ބައިގައި ކޮންކްރީޓް އައްޓެއް ތިރިއަށް ތަނބުލާފައި މިހާރު ހުރި އައްޓާއި ގުޅުވައިގެން ހެދުމާއި، އަލަށް ހެދި ކޮންކްރީޓް އަށީގެ ބައިގައި މިހާރު ހުރި ވަރަށްވުރެ ބޮޑު އަދި ފުން ސިންކެއް ބެހެއްޓުމާއި، އެ މުޅި އަށީގައި ޓައިލްސް ޖަހައި، ބަދިގޭގައި ކަބަޑު ސެޓެއް ހަދައި ހަރުކުރުން ހިމެނެ އެވެ. މީގެ އިތުރުން އެތަނުގެ އެތެރޭގައި ހުރި ރެނދުތައް ރަނގަޅަށް ކޮށައި ފެންވަރު ރަނގަޅު ކެމިކަލެއް ބޭނުންކޮށްގެން ބެއްދުމާއި، ޕެސްޓް ކޮންޓްރޯލްކޮށް، އެތަނުގައި ބަދަލު ކުރަން ޖެހިފައިވާ ފަންކާތައް ބަދަލު ކުރުމާއި، އެތަނުގައި ހުރި 21 ކުޑަ ދޮރުގައި ދޮރުފޮތި ހަރުކުރުމާއި، އެމުޅި ވޯޑުގައި ކުލަލުމުގެ މަސައްކަތް ވަނީ ކޮށްދީފައެވެ. 

20 ރަބީޢުލްއައްވަލް 1443

26  އޮކްޓޫބަރު   2021

Leave a Reply

Your email address will not be published. Required fields are marked *