ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކުގައި “ޗައިލްޑް ކެއަރ ސްޕޭސް” ޤާއިމުކުރުން

ވަޒީފާއަދާކުރާ މައިންބަފައިންނަށް ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް، ވަޒީފާއަދާކުރާ ތަނުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި ދަޢުލަތުގެ އެކި އިދާރާތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި “ޗައިލްޑް ކެއަރ ސްޕޭސް” ޤާއިމުކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ދަށުން ސްޓެލްކޯގައި ޗައިލްޑް ކެއަރ ސެންޓަރެއް މިއަދު ޤާއިމުކޮށްފިއެވެ.

ވަޒީފާއަދާކުރާ ތަނުގައި ޗައިލްޑް ކެއަރ ސްޕޭސްގެ ގޮތުގައި ތަނެއް ޤާއިމުކޮށް ކުދިން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތުގެ ދަށުން ކުރަންފެށި މަސައްކަތެކެވެ. މިގޮތުން ސަރުކާރުން އެކުލަވާލައިފައިވާ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި އޯގާތެރި ސަރުކާރެއް ޤާއިމްކުރުމަށް ހިމަނާފައިވާ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތު ތަންފީޒުކުރުމަށް މި މަސައްކަތުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެއެވެ.

އޮފީސްތަކުގައި ޤާއިމުކުރާ ޗައިލްޑް ކެއަރ ސްޕޭސްގެ ސަބަބުން ވަޒީފާއަށް ދާ ފަރާތްތަކުގެ ތެރެއިން ކުދިން ބެލެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ފަރާތްތަކަށް ވަޒީފާގައި ދެމިތިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން އެކަނިވެރި މައިން ނުވަތަ ބަފައިން ވަޒީފާއަށް ނުކުތުމުގެ ސަބަބުން ކުދިން ބެލެހެއްޓުމުގައި ކުރިމަތިވާ ދަތިތަކަށް ލުޔެއް ލިބިގެންދާނެއެވެ. ޗައިލްޑް ކެއަރ ސްޕޭސްގެ ސަބަބުން ކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ވަޒީފާއަދާކުރާ މައިންބަފައިންނަށް ފުރުސަތުލިބިގެންދާނެއެވެ.

ސަރުކާރުގެ އޮފީސްތަކުގައި ޗައިލްޑް ކެއަރ ސްޕޭސް ޤާއިމުކުރަމުންދާނީ އެ އޮފީހެއްގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ބޭނުންތަކަށް ރިޢާޔަތްކޮށް ތަނުގެ ޖާގަ އާއި ވަސީލަތްތައް ހުރި މިންވަރަކުންނެވެ. ދިމާވާ އެކި ސަބަބުތަކާ ހުރެ މަދު ވަގުތުކޮޅަކަށް ނަމަވެސް ކުދިން ގެނެސް ވަޒީފާ އަދާކުރާ ތަނުގައި ކުދިން ބައިތިއްބަން ބޭނުންވާ މައިންބަފައިންނަށް އެ ފުރުސަތު ފަހިކޮށްދެވޭ މިންވަރަށް ވަޒީފާގެ މާހައުލުގައި ޗައިލްޑް ކެއަރ ސްޕޭސް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

އޮފީސްތަކުގައި ޗައިލްޑް ކެއަރ ސްޕޭސް ޤާއިމުކުރުމުގެ މަސައްކަތް ފެށިފައިވާއިރު ޗައިލްޑް ކެއަރ ސްޕޭސްގެ ގޮތުގައި ކަނޑައަޅާ ތަނުގައި އެންމެ ދަށްވެގެން ހުންނަންޖެހޭ މިންގަނޑު ކަނޑައަޅައި، ތަން ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތެއް މި މިނިސްޓްރީގެ ފަރާތުން ވަނީ އެކުލަވާލައިފައެވެ. މިފޮތުގައި ޗައިލްޑް ކެއަރ ސްޕޭސް ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި ބޭނުންހިފޭނެ އަދި އެކަމަށް މަގުފަހިކޮށްދޭނެ ގިނަ މަޢުލޫމާތުވެސް އެކުލެވޭނެއެވެ. އަދި، މިފޮތުގައިވާ މަޢުލޫމާތުގެ ސަބަބުން ވަޒީފާއަދާކުރާ ތަންތަނުގައި ޤާއިމުކުރާ “ޗައިލްޑް ކެއަރ ސްޕޭސް” ގެ ކަންކަން ބެލެހެއްޓުމާއި، އެތަނުން ޚިދުމަތް ލިބިގަންނަ ކުދިންނަށާއި، އެކުދިންގެ މައިންބަފައިންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް އިދާރާތަކަށް އެހީތެރިކަން ލިބިގެންދާނެއެވެ.

19 ރަބީޢުލްއާހިރު 1444

13 ނޮވެންބަރު 2022

 

ޗައިލްޑް ކެއަރ ސްޕޭސް – އަތްމަތީފޮތް

Leave a Reply

Your email address will not be published. Required fields are marked *