“ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ، ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ “ގެވެށި ގުޅުން” ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ، ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފިއެވެ.

ކާޓޫނު ސީރީސް އާއި ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު އޮލިމްޕަހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝަރަފުވެރި މެހްމާނު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އަދި، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

މިއަދު އިފްތިތާޙްކުރި ކާޓޫނު ސީރީސް އަކީ ގެވެށި އަނިޔާއާއި ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުޑަކުދިންގެ ކިބައިގައި އެންމެ ޅައިރުއްސުރެ އަށަގަންނުވަންޖެހޭ ދިރިއުޅުމުގެ ރީތި ބައެއް އާދަތަކަށް ކުދިން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި މި މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މި ކާޓޫނު ސީރީސްގައި ޖުމްލަ 12 އެޕިސޯޑް ހިމެނޭއިރު މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ވަނީ އޭގެ ތެރެއިން 6 އެޕިސޯޑް ރަސްމިއްޔާތުގައި ބައިވެރިވި ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ދައްކާލާފަ އެވެ. އަދި، މި 6 އެޕިސޯޑް އާންމުކޮށް ދެއްކުމަށްޓަކައި ޚާއްސަ ދެ ޝޯ 27 މޭއި ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު އޮލިމްޕަހުގައި ބާއްވާގޮތަށް މި މިނިސްޓްރީއިން ވަނީ ހަމަޖައްސާފައެވެ.

މި ރަސްމިއްޔާތުގައި މަރުޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަން ވިދާޅުވީ، މިއަދު އިފްތިތާޙްކުރެވުނު ކާޓޫނު ސީރީސް އާއި، ވާހަކަ ފޮތްތަކުގެ ވީޑިއޯ ވަރޝަންގެ ސަބަބުން އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އަޅާލުމާއި، އެހީތެރިކަންފޯރުކޮށްދިނުމާއި އަދި ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމުގެ އިތުރުން ވަކި ޖިންސަކަށް ވީތީ ތަފާތުނުކުރުން ފަދަ ރީތި ސިފަތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަށް މަގުފައިވެގެންދާނެ ކަމަށެވެ. އަދި، މައިންބަފައިންނާއި، ބެލެނިވެރިން ކުދިންނާއެކު މި އުފެއްދުންތައް ބަލައި އެއިން ލިބިދޭ މެސެޖުތަކުގެ އެހީގައި ކުދިންނަށް ދިރިއުޅުމުގެ ރީތި އާދަތައް ދަސްކޮށްދިނުމަށް ޒިފްލީނާ ޙަސަންގެ ވާހަކަފުޅުގައި އެދިވަޑައިގެންފައިވެއެވެ.

މިއަދު އިފްތިތާޙްކުރި ވާހަކަފޮތް ސީރީސްގެ ވީޑިއޯ ވަރޝަން ގެ މަޤްޞަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު މި މިނިސްޓްރީގެ ފަރާތުން ނެރުނު ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގައި ހިމެނޭ ވާހަކަތަކުން ކުދިންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް ވީހާވެސް ގިނަ ކުދިންނާ ހަމައަށް ފޯރުކޮށްދިނުމެކެވެ. ޖުމްލަ 6 ވާހަކަ ފޮތް ހިމެނޭ މި ސީރީސްގެ ވާހަކަ ފޮތްތައް މި މިނިސްޓްރީގެ ފަރާތުން މިއަހަރުގެ ކުރީކޮޅު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަދިޔާކޮށްފައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ އާއި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނުގެ އިތުރުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް މުޙައްމަދު ފައްޔާޒް ގިލާނީ ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ގެވެށި ގުޅުން ކެމްޕެއިން އަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު މި މިނިސްޓްރީގެ ފަރާތުން ފެށި ކެމްޕެއިނެކެވެ. ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނެ އެވެ.

މި ކެމްޕެއިންގެ ދަށުން މިހާތަނަށް އައިއިރު ގިނަ ހަރަކާތްތަކެއް މިނިސްޓްރީގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، ޓީވީ ޕްރޮގްރާމް ސީރީސް، ރޭޑިއޯ ޑްރާމާ ސީރީސް، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ބިލްބޯޑް، މަޖައްލާ، ބުކްލެޓް އަދި ލީފްލެޓް ފަދަ ތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *