ތ.އަތޮޅުގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕްތައް ގާއިމުކުރުމަށްޓަކައި އޮރިއެންޓޭޝަން ޕްރޮގްރާމެއް ހިންގައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި ޔުނިސެފް މޯލްޑިވްސް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓް ގުޅިގެން ތ.އަތޮޅުގައި ކޮމިއުނިޓީ ސޯޝަލް ގުރޫޕް (ސީ.އެސް.ޖީ)ތައް ގާއިމުކުރުމަށްޓަކައި އޮރިއެންޓޭޝަން ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ރަށްރަށުގައި ރައްކާތެރިކަން ބޭނުންވާ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ތ.އަތޮޅުގައި ގާއިމުކުރާ ސީ.އެސް.ޖީތަކުގެ ދައުރާއި ޒިންމާތައް އަދާކުރުމަށްޓަކައި ތ.އަތޮޅުގެ ކައުންސިލްތަކާއި، ޕޮލިސް ސްޓޭޝަންތައް، ސްކޫލްތައް އަދި ހެލްތު ސެންޓަރުތަކުގެ ވެރިންނަށް އަމާޒުކޮށްގެން، މުޖުތަމަޢުތަކުގެ ތެރޭގައި މިހާރު ހުރި މައްސަލަތަކާއި ނާޒުކު ހާލަތުތަކުގައި ދިރިއުޅޭ ފަރާތްތަކާ ގުޅޭގޮތުން ފާހަގަކުރެވޭ މައްސަލަތަކާ މެދު ހޭލުންތެރިކުރުވައި، އެ ފަދަ ފަރާތްތަކުގެ ދިރިއުޅުން ރަނގަޅުކުރުމަށް މަސައްކަތް ކުރާނެ ގޮތްތަކާއި ބެހޭގޮތުން އަހުލުވެރިކުރުވުމެވެ. މީގެ އިތުރުން، އެ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމުގައި ހުރިހާ މުޢައްސަސާތައް އެކުގައި މަސައްކަތް ކުރެވޭނެ ޕްލެޓްފޯމެއް ގާއިމުކުރުމެވެ.

މި މަހުގެ 25އިން 26އަށް ކުރިއަށް ދިޔަ މި ޕްރޮގްރާމްގައި ތ.އަތޮޅުގެ 13 ރަށަކުން 42 މެންބަރުން ބައިވެރިވެފައިވެއެވެ. ސީ.އެސް.ޖީ އެކުލަވައިލަނީ ސޯޝަލް ވަރކަރުންގެ އިތުރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލް، ޞިއްޙީ ދާއިރާ، ސްކޫލް، ފުލުހުން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މީހަކު ހިމަނައިގެންނެވެ.

ރަށު ފެންވަރުގައި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކާ އެކު މަސައްކަތް ކުރުމަށްޓަކައި މިނިސްޓްރީން އިސްނަގައިގެން ސީ.އެސް.ޖީ އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ށ.އަތޮޅު، ބ.އަތޮޅު، ކ.އަތޮޅު، ގއ.އަތޮޅު، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ފަށައިފައެވެ.

11 ޖުމާދަލްއާޚިރާ 1439

27  ފެބުރުވަރީ  2018

Leave a Reply

Your email address will not be published. Required fields are marked *