ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ މިނިސްޓަރ ޝިދާތާ ހުޅުއްވައިދެއްވައިފި

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ގދ.ތިނަދޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ތިނަދޫ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ މިއަދު ހުޅުއްވައިދެއްވައިފިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމަށް ޓަކައި ގާއިމުކޮށްފައިވާ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ހުޅުއްވައިދެއްވުމަށް ފަހު މިނިސްޓަރ ޝިދާތާ ވަނީ އެ ތަނާއި އެ ތަނުގައި ދެވޭ ފަރުވާތައް ބައްލަވައިލައްވައިފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅައިފައިވާ މުހިންމު ވަޢުދުތަކުގެ ތެރޭގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރ ގާއިމުކުރުން ހިމެނިފައިވާ އިރު، އައްޑޫ ސިޓީ ހިތަދޫއާއި ހދ.ހަނިމާދޫގައި ގާއިމުކުރެވުނު ސެންޓަރތަކާއެކު މި ވަޢުދު ވަނީ ފުރިހަމަވެފައެވެ.

މި ސެންޓަރތަކުން ދެވޭ ޚިދުމަތްތަކުގެ ތެރޭގައި ޑީޓޮކްސިފިކޭޝަން ފަރުވާއާއި ކޮމިޔުނިޓީ ރިހެބިލިޓޭޝަން ފަރުވާއާއި ސައިކޯސޯޝަލް ފަރުވާގެ އިތުރުން ފަރުވާ ނިމިގެން މުޖުތަމަޢުއަށް އަހުލުވެރިކުރުވުމަށް ބޭނުންވާ ހުނަރުތައް އަށަގެންނެވުން ހިމެނެއެވެ.

މިނިސްޓަރ ޝިދާތާގެ މި ދަތުރުފުޅުގައި ގދ.އަތޮޅު ކައުންސިލް، ގދ.ތިނަދޫ ރަށު ކައުންސިލް، އަންހެނުންގެ ތަރައްޤީއަށް މަސައްކުރާ ކޮމިޓީ، ޑޮކްޓަރ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރ އަދި ކޮމިޔުނިޓީ ސޯޝަލް ގްރޫޕް (ސީއެސްޖީ)އަށް ޒިޔާރަތްކުރައްވައި، މަސައްކަތްތައް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

12 ޝަޢުބާން 1440

17 އެޕްރީލް 2019

Leave a Reply

Your email address will not be published. Required fields are marked *