ދޮށީ އުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު ތަންފީޛުކުރުމަށްޓަކައި އެކުލަވައިލާ “ނެޝަނަލް އެލްޑަރލީ އެކްޝަން ޕްލޭން” ވެލިޑޭޓްކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

 

ދޮށީ އުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު ތަންފީޛުކުރުމަށްޓަކައި އެކުލަވައިލާ “ނެޝަނަލް އެލެޑަރލީ އެކްޝަން ޕްލޭން” ވެލިޑޭޓް ކުރުމުގެ ގޮތުން ކަމާ ގުޅުންހުރި 23 މުއައްސަސާއަކާއެކު ވޯކްޝޮޕެއް ބާއްވައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ކުރިއަށް ދިޔަ މި ވޯކްޝޮޕްގައި، އުމުރުން ދުވަސްވީ މީހުންނަށް ޚިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާއި، މަދަނީ ޖަމުޢިއްޔާތަކުގެ ސީނިއަރ އެގްޒެކެޓިވް، ޕޮލިސީ އަދި ޓެކްނިކަލް ލެވެލްގެ 34 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ވޯކްޝޮޕް އިފުތިތާހުކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ހަމައެކަނި ފާއިތުވެ ދިޔަ 6 މަހަށް ބަލައިލިޔަސް، އުމުރުން ދުވަސްވީ މީހުންނާ ގުޅޭ 47 މައްސަލައެއް މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި އަޅައިނުލުމާއި، މުޖުތަމަޢުއިން އެކަހެރިކުރުމާއި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދެވޭ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ހިމެނޭކަމަށެވެ. އަދި މިނިސްޓްރީގެ އަމާޒަކީ މި ބާވަތުގެ މައްސަލަތަކުގެ ޝިކާރައަށްވާ ފަރާތްތަކަށް ދޭން ޖެހޭ ރައްކައުތެރިކަން ވަގުތުން ފޯރުކޮށް ދިނުންކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މުޖުތަމަޢުގައި ތިބި އަނިޔާ ތަޙައްމުލުކުރަމުންދާ އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ރައްކައުތެރިކަމާއި އަޅައިލުން ފޯރުކޮށްދޭ ނިޒާމު އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތަކެއް މިއަދުގެ މަޝްވަރާތަކުގެ އަލީގައި ހުށަހެޅިގެން ދިޔުމަށް އުންމީދުކުރައްވާކަމަށް ވެސް މިނިސްޓަރ ޒެނީޝާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އަދި ދޮށީ އުމުރުގައިވެސް މުޖުތަމައުގެ ކަންކަމުގައި އެމީހުންނަށް ހިއްސާވެވޭނެ ގޮތްތަކާއި ކަންކަން ނިންމުމުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކަށް މިއަދުގެ މަޝްވަރާތަކުގައި ރިޢާޔަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ.  

އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށް ގެންދާ ރަންވޭލާ ކެމްޕޭނަށް 2 އަހަރު ފުރުމުގެ ގޮތުން ތައްޔާރުކުރި “ރަންވޭލާ ކެމްޕޭން ރިޕޯޓު” މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ނެރެދެއްވައިފައެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ވެލިޑޭޝަން ވޯކްޝޮޕްގައި ދޮށީ އުމުރުގެ މީހުންގެ ޤައުމީ ސިޔާސަތުގައި ހިމެނޭ މައިގަނޑު 4 ދާއިރާ ކަމުގައިވާ “އަޅައިލުމާއި އެހީތެރިކަން”، “މިނިވަންކަމާއި ބައިވެރިވުން”، “ދުޅަހެޔޮ ޞިއްޙަތު”، އަދި “ދޮށީ އުމުރަށް ތައްޔާރުވުން”، މި ބައިތަކުގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތައް މުރާޖާކޮށް އެކްޝަން ޕްލޭންގައި އިތުރަށް ހިމަނަން ފެންނަ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.

05  ޛުލްޙިއްޖާ 1439

16  އޮގަސްޓު 2018

Leave a Reply

Your email address will not be published. Required fields are marked *