ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީއާއެކު ތިން ފަރާތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ދަޢުލަތުގެ ބެލުމުގެ ދަށުގައި ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއެކު ތިން ފަރާތަކުން މިއަދު ވަނީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މިއަދު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ބެސްޓް ބައި މޯލްޑިވްސް، ސްޓާޒް ސްޕޯޓްސް ކްލަބް އަދި އޭޖްޑް ކެއަރ މޯލްޑިވްސްއިންނެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންގެ އަދަދު އިތުރުވެފައިވާތީ، ފިޔަވަތީގައި ދިރިއުޅޭ 10 އަހަރުން ދަށުގެ 100 ކުދިންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި މިނިސްޓްރީއިން ދަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މިނިސްޓްރީއާއެކު ބެސްޓް ބައި މޯލްޑިވްސްއިން ސޮއިކުރި އެއްބަސްވުމުގެ ދަށުން ފިޔަވަތި މަރުކަޒުގައި މަސައްކަތްކުރުމަށް 1 ޓީޗަރ 1 އަހަރު ދުވަހުގެ މުއްދަތަކަށް ސްޕޮންސަރ ކޮށްދެއްވާފައެވެ. އަދި، ސްޓާޒް ސްޕޯޓްސް ކްލަބްއިން ސޮއިކުރި އެއްބަސްވުމުގެ ދަށުން ފިޔަވަތި މަރުކަޒުގައި ދިރިއުޅޭ 6 އަހަރުން މަތީގެ ހުރިހާ ކުދިންނަށް ބާސްކެޓް ބޯޅަ ތަމްރީނު ޕްރޮގްރާމެއް 6 މަސްދުވަހުގެ މުއްދަތަކަށް ހިންގައިދެއްވާނެއެވެ.  

މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްވެސް މިނިސްޓްރީއިން ވަނީ ތަފާތު މަސައްކަތްތަކެއް ފަށާފައެވެ. މިގޮތުން މިނިސްޓްރީއާއެކު އޭޖްޑް ކެއަރ މޯލްޑިވްސްއިން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން އިތުރުކުރުމަށް ތަފާތު ޙަރަކާތްތައް ހިންގާ، އެފަރާތްތަކުގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމަށް ހޭލުންތެރިކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.  

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދިނުމަށްޓަކައި ބެސްޓް ބައި މޯލްޑިވްސް، ސްޓާޒް ސްޕޯޓްސް ކްލަބް އަދި އޭޖްޑް ކެއަރ މޯލްޑިވްސްއިން ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް މިނިސްޓްރީއިން ޝުކުރު ދަންނަވަމެވެ. އަދި މުސްތަޤްބަލުގައިވެސް ޕާޓްނަރޝިޕް އުސޫލުން ސަރުކާރުގެ އެކި ވުޒާރާތަކާ، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ، ކުންފުނިތަކާ ގުޅިގެން މިނިސްޓްރީއިން ތަފާތު ހަރަކާތްތައް ކުރިއަށްގެންދިއުމަށް ގަސްތުކުރަމެވެ.

 15 ޖޫން 2017

Leave a Reply

Your email address will not be published. Required fields are marked *