މެލޭޝިޔާގައި ބާއްވާ 3 ވަނަ އޭޝިޔާ ޕެސިފިކު ހައިލެވަލް މީޓިންގް އޮން ޗައިލްޑް ރައިޓްސް ގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ބައިވެރިވެވަޑައިގަތުން

މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި މިހާރު ހިނގަމުންދާ 3 ވަނަ އޭޝިޔާ ޕެސިފިކު ހައިލެވަލް މީޓިންގް އޮން ޗައިލްޑް ރައިޓްސްގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ބަިއވެރިވެވަޑަިއގެންފިއެވެ. މި ބައްދަލުވުމުގެ މަޤްޞަދަކީ އޭޝިޔާ އާއި ޕެސިފިކް ޤައުމުތަކުން ދެމެހެއްޓެނިވި ތަރައްޤީޤެ ލަނޑުދަނޑިތައް (ސަސްޓެއިނަބަލް ޑިވޮލަޕްމަންޓް ގޯލްސް) ޙާޞިލުކުރުމަށް އެހީތެރިވުމަށާއި އެޤައުމުތައް އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީގޮތުން ކުރިއެރުވުމަށްޓަކައި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރުމާއި، ފެންވަރު ރަނގަޅު ސިއްޙީ ފަރުވާ އެންމެންނަށް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މިއަދުގެ ބައްދަލުވުމުގައި ކުޑަކުދިންނާއި އަންހެނުންނާއި ޢައިލާތަކަށް އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ބޭއްވުނު ޚާއްޞަ ޕެނަލް ޑިސްކަޝަންގައި މިނިސްޓަރ ޒެނީޝާ ބައިވެރިވެވަޑައިގަންނަވައި، ދިވެހިރާއްޖޭގައި އިޖްތިމާޢީ ރައްކާތެރިކަން އެންމެނަށް ފޯރުކޮށްދިނުމުގެގޮތުން، ރަށު ފެންވަރުގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕް (ސީ.އެސް.ޖީ) ތައް އުފެއްދުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ ހިއްސާކުރެއްވިއެވެ.

މިނިސްޓަރ ޒެނީޝާއާއެކު މިދަތުރުފުޅުގައި ސީނިއަރ އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ މުޙައްމަދު ޖަލީލްގެ އިތުރުން، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އާސަންދަ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް، އަދި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިމަހުގެ 05 ން 09 ށް މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި ބާއްވާ މިބައްދަލުވުމުގައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަދި އާސަންދަ ކޮމްޕެނީ ޕަބްލިކް ލިމިޓެޑްއާ ގުޅިގެން ދިވެހިރާއްޖޭގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމާއި، ހިލޭ ބޭސްފަރުވާގެ ޚިދުމަތުގެ ނިޒާމާ ބެހޭ މަޢުލޫމާތު ހިއްސާކުރުމަށް މާކެޓް ބޫތްއެއް ބެހެއްޓުމަށްވަނީ ހަމަޖެހިފައެވެ.

07 ނޮވެމްބަރ 2016

Leave a Reply

Your email address will not be published. Required fields are marked *