މެލޭޝިޔާގައި ބާއްވާ އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ތަމްރީން ޕްރޮގްރާމްގައި ފިޔަވަތީގެ މުވައްޒަފުން ބައިވެރިވެއްޖެ

މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒުކަމުގައިވާ ފިޔަވަތީގައި އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ޕްރޮގްރާމެއް ހިންގުމަށްޓަކައި ފިޔަވަތީގެ މުވައްޒަފުންނަށް ޕަރމާޓާ މެލޭޝިޔާއިން ޚާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް ފަށާފިއެވެ. ތިން ހަފްތާގެ މުއްދަތަކަށް މެލޭޝިޔާގެ ވެރިރަށް ކުއަލަރ ލަމްޕޫރުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ފިޔަވަތީގައި މަސައްކަތްކުރާ ޖުމްލަ 5 ޓީޗަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ފިޔަވަތީގައި ދިރިއުޅޭ 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިންގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށްޓަކައި އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަނަށް ޚާއްސަ ޕްރޮގްރާމެއް ފިޔަވަތީގައި ހިންގައި، ކުދިން ޕްރައިމަރީ ސްކޫލަށް ތައްޔާރުވުމަށް އެހީތެރިވެދިނުމެވެ. މީގެ އިތުރުން، މި ތަމްރީން ޕްރޮގްރާމް ނިންމުމަށްފަހު، ފިޔަވަތީގައި އަރލީ ޗައިލްޑްހުޑް އެޑިއުކޭޝަން ކުރިއަށްގެންދާގޮތް މޮނިޓަރކުރުމަށާއި މި ޕްރޮގްރާމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުވުމަށްޓަކައި ޕަރމާޓާ މެލޭޝިޔާގެ ފަރާތުން ފިޔަވަތި އަށް ޒިޔާރަތްކުރުމަށްވެސް ވަނީ ރޭވިފައެވެ.

ފިޔަވަތީގެ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް މިފަދަ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދެއްވާފައިވާތީ މިނިސްޓްރީން ޕަރމަޓާ މެލޭޝިއާއަށް ޝުކުރު ދަންނަވަމެވެ. އަދި ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭކުދިންގެ ދުޅަހެޔޮކަން އިތުރުކުުރުމަށްޓަކައި ރާއްޖެއާއި ބޭރުގެ އެެކި ފަރާތްތަކާ ގުޅިގެން މުސްތަޤްބަލުގައިވެސް އިތުރު ހަރަކާތްތައް ކުރިއަށް ގެންދަން މިނިސްޓްރީއިން ގަސްދުކުރަމެވެ.

ހުޅުމާލޭގައި ހުންނަ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ދަށުން ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ކަމުގައިވާ ފިޔަވަތި އިފްތިތާޙްކޮށްފައިވަނީ 17 ފެބްރުއަރީ 2016 ވަނަ ދުވަހުއެވެ. އަދި، މިމަރުކަޒުގައި މިހާރު ދިރިއުޅެމުންދަނީ 10 އަހަރުން ދަށުގެ 85 ކުދިންނެވެ.

 22 މާރޗް 2017

Leave a Reply

Your email address will not be published. Required fields are marked *