މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން ކުރިއަށްގެންދާ “ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޕްރޮގްރާމްގެ ހަތަރު ވަނަ ބުރު ފަށައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި މިނިސްޓްރީގެ ދަށުން ހިންގާ މަރުކަޒުތަކާއި ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގައި މަސައްކަތްކުރާ ސޯޝަލް ސަރވިސް ވަރކަރުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ “ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޕްރޮގްރާމުގެ ހަތަރު ވަނަ ބުރު މިއަދު ފަށައިފިއެވެ. މި ޓްރޭނިންގ ކުރިއަށްދާނީ މި މަހުގެ 25އިން މާރިޗު މަހުގެ 1ގެ ނިޔަލަށް ޗަންޕާ ސެންޓްރަލް ހޮޓަލުގައެވެ.

މި ޕްރޮގްރާމް އިފުތިތާހުކުރުމުގެ ގޮތުން މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީން ވިދާޅުވީ ސޯޝަލް ސަރވިސްގެ ޚިދުމަތަކީ އިންސާނީ އަޚުލާޤަށާއި އިޖުތިމާޢީ ނިޒާމުތަކަށް ބަދަލު ގެންނަ، އިންސާނީ ޙައްޤުތައް ކަށަވަރުކޮށް، އިޖުތިމާޢީ އިންސާފު ޤާއިމުކޮށްދޭ، ޙަޤީޤީ މާނައިގައި ވެސް މީހުން ބާރުވެރިކުރުވާ މަސައްކަތެއް ކަމަށެވެ. އަދި އިޖުތިމާޢީ މަސައްކަތްތެރިންނާ ޙަވާލުވެފައިވާ ޒިންމާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، މިނިސްޓްރީން ފޯރުކޮށްދޭ ޚިދުމަތަކީ އެއްގޮތަކަށް، އެއް ފެންވަރެއްގައި ފޯރުކޮށްދެވޭ ޚިދުމަތަކަށްވާންޖެހޭނެކަމަށާއި، ޚިދުމަތްދިނުމުގައި ވަކިފަރާތަކަށް ނުޖެހުމަށާއި، އިންސާފުން ކަންކަން ބެހެއްޓުމަށް އެ ކަމަނާ އިލްތިމާސްކުރެއްވިއެވެ.

މި ޓްރޭނިންގ ޕްރޮގްރާމްގައި މިނިސްޓްރީއާއި، އެފް.ސީ.އެސް.ސީތަކާއި މަރުކަޒުތަކުގެ ޖުމުލަ 20 މުވައްޒަފުން ބައިވެރިވެއެވެ. ފަސް ދުވަހުގެ މުއްދަތަށް ހިންގާ މި ޓްރޭނިންގ ޕްރޮގްރާމްގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކުންނާއި މަދަނީ ޖަމްޢިއްޔާތަކުގެ ކަމާބެހޭ އެކި ފަރާތްތަކުން ސެޝަންތައް ނަންގަވައިދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

“ކެޕޭސިޓީ ބިލްޑިންގ ފޮރ ސޯޝަލް ވަރކަރސް” ޓްރޭނިންގ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރު ވެސް ޖުމުލަ 53 ސޯޝަލް ސަރވިސް ވަރކަރުން ތަމްރީނުކޮށްފައިވެއެވެ.

09 ޖުމާދަލްއާޚިރާ 1439

25  ފެބުރުވަރީ  2018

 

Leave a Reply

Your email address will not be published. Required fields are marked *