މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިސްނަގައިގެން ޢާންމު ޚިދުމަތްދޭ އިދާރާތަކަށް އަމާޒުކޮށްގެން ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިންގއެއް ފަށައިފި

ޢާންމު ޚިދުމަތްތައްދޭ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިންގއެއް ފަށައިފިއެވެ.

ޚިދުމަތްދޭ އިދާރާތަކަށް އަމާޒުކޮށްގެން ޖެންޑަރ މިނިސްޓްރީއިން އިންތިޒާމުކުރާ މި ސައިން ލެންގުއޭޖް ޓްރޭނިންގ ޕްރޮގްރާމް އިފުތިތާހުކޮށްދެއްވުމުގެގޮތުން ވާހަކަފުޅު ދައްކަވަމުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ އައިމިނަތު ޝިފާނާ ވިދާޅުވީ، މި ޓްރޭނިންގއަކީ އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވަމުންދާ ގޮންޖެހުންތައް މަދުކޮށް، ޚިދުމަތް ހޯދަން އަންނަ ހުރިހާ ފަރާތްތަކަށްވެސް ހަމަހަމަގޮތެއްގައި ޚިދުމަތް ހޯދައިދިނުމުގެ މަޤްޞަދުގައި މިނިސްޓްރީން އިންތިޒާމުކުރާ ޕްރޮގްރާމެއްކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތައް  މުސްތަޤުބަލުގައިވެސް ކުރިއަށް ގެންދަން ގަސްދުކުރާކަމަށާއި، މި އަހަރުގެ ކުރީކޮޅު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންވެސްޓިގޭޝަން އޮފިސަރުންނަށާއި، މިނިސްޓްރީގެ ސޯޝަލް ސަރވިސް ވަރކަރުންނާއި މިނިސްޓްރީގެ އެހެން މުވައްޒަފުންނަށް ސައިން ލޭންގުއޭޖް ޓްރެއިނިންގއެއް ހިންގާފައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އެ ގޮތުން، ބޭސިކް ސައިން ލެންގުއެޖް ޓްރެއިނިންގ ކޯހުގެ ފުރަތަމަ ބުރުގައި މިނިސްޓްރީގެ 54 މުވައްޒަފުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ 20 އިންވެސްޓިގޭޝަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. އަދި މިނިސްޓްރީން މިހާރު ކުރިއަށްގެންދާ މި ޓްރޭނިންގގެ ދެވަނަ ބުރުގައި އެކި މުއައްސަސާތަކަށް ނިސްބަތްވާ ޖުމްލަ 40 މުވައްޒަފުން ބައިވެރިވެއެވެ. އޭގެ ތެރޭގައި، މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ސްޓެލްކޯ، އޭޑީކޭ، ފެމިލީ ކޯޓު، މޯލްޑިވްސް އިސްލާމިކް ބޭންކް، ބޭންކް އޮފް މޯލްޑިވްސް، އުރީދޫ އަދި ދިރާގުގެ މުވައްޒަފުން ހިމެނެއެވެ.

ޢާންމު ޚިދުމަތްދޭ ފަރާތްތަކުން ޚިދުމަތް ފޯރުކޮށްދިނުމުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު ކުރެވޭ މުޢާމަލާތުގެ ހުނަރު ތަރައްޤީކުރުމުގެ މަޤްޞަދުގައި ހިންގާ މި ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިންގ އަކީ 14 ދުވަހުގެ މުއްދަތައް ކުރިއަށްދާ ޕްރޮގްރާމެކެވެ.

19 މުޙައްރަމް 1439

09 އޮކްޓޫބަރު 2017

Leave a Reply

Your email address will not be published. Required fields are marked *