މިނިސްޓްރީ އާއި އެމް. އެން. ޑީ. އެފް ގުޅިގެން ކުޑަކުދިންގެ ހިޔާގެ ކުދިންނަށް މަލްޓިމީޑިއާ، ވެބް ޑިސައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހެއް ފަށައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް މަލްޓިމީޑިއާ، ވެބް ޑިޒައިނިންގ އަދި ސްކިލްސް ޓްރެއިނިންގ ކޯހެއް ވަނީ ފަށާފައެވެ. ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 10 އަހަރާއި 18 އަހަރާ ދެމެދުގެ 66 ކުދިން މިވަގުތު ދަނީ ދިރިއުޅެމުންނެވެ.

މިކޯހުގައި އަލިއަޅުވާލާ މައިގަނޑު ބައިތަކުގެ ތެރޭގައި “އެޕްލައިންގ އިފެކްޓްސް އެންޑް އެނިމޭޝަން” އަދި “ކޮރަލް ޑްރޯ، އެޑޯބް ފޮޓޯޝޮޕް އަދި އެޑޯބް ޕްރިމިއަރ ޕްރޯ” ފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ ހުނަރުތައްވެސް ކުދިންނަށް ދަސްކޮށްދެއެވެ. 3 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މިކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ސެޓްފިކެޓް 3 ލެވަލްގެ ގޮތުގައި ބަލައިގަންނަ ކޯހެކެވެ.

މިޕްރޮގްރާމްގެ ތެރެއިން ހަރަކާތްތެރިވެ އުޅުމަށް ބާރުއެޅުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް މިކުދިންނަށް ފިޒިކަލް އެޑިއުކޭޝަން ހަރަކާތްތަކެއްވެސް ދަނީ ހިންގަމުންނެވެ. އަދި، މިޕްރޮގްރާމް މެދުވެރިކޮށް ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި ދިރިއުޅުމަށް ބޭނުންވާ އެކިކަހަލަ ހުނަރުތައް އިތުރަށް ތަރައްޤީވެގެންދާނެކަމަށް މިނިސްޓްރީއިން އުއްމީދުކުރަމެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަށް މިނިސްޓްރީއާ ގުޅިގެން މިފަދަ ޕްރޮގްރާމެއް ހިންގަވައިދެއްވާތީ އެމް. އެން. ޑީ. އެފް.އަށް ވަރަށް ޙާއްސަ ޝުކުރެއް ދަންނަވަމެވެ. އަދި، މިކުދިން ބިނާކުރުމަށްޓަކާ މިފަދަ އިތުރު ފުރުސަތުތައް ކުދިންނަށް ހޯދައިދިނުމުގެ މަސައްކަތްތައް ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާ، ކުންފުނިތަކާ ގުޅިގެން މިނިސްޓްރީއިން ކުރިއަށްގެންދަން ގަސްދުކުރަމެވެ.

 20 މެއި 2017

Leave a Reply

Your email address will not be published. Required fields are marked *