މިނިސްޓްރީއާއި އާކް ގުޅިގެން ކުޑަކުދިންގެ ހިޔާގައި “އެކްސްޕްލޯރިންގ އާރޓް”ގެ ނަމުގައި ހާއްޞަ ޕްރޮގްރާމެއް ފަށައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ގުޅިގެން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުން ގެންދާ 10 އަހަރާއި 18 އަހަރާއި ދެމެދު 66 ކުދިންނަ އަމާޒުކޮށްގެން “އެކްސްޕްލޯރިންގ އާރޓް” ގެ ނަމުގައި ހާއްޞަ ޕްރޮގްރާމެއް ހިންގަން ފަށައިފިއެވެ.

“އެކްސްޕްލޯރިންގ އާރޓް’ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކުދިންގެ ފަންނީ އަދި އުފެއްދުންތެރި ހުނަރުތައް ތަރައްޤީކުރުމެވެ. ތިން މަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ކްލާސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއަކު އެއްދުވަހުއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ‘ބޭސިކް ލޭންޑްސްކޭޕް އަދި ޕަރސްޕެކްޓިވް’ ކުރެހުން އަދި ކުލަޖެއްސުން، ސިމެޓްރީ ކުރެހުން އަދި ސްކެޗް ހަދާނެގޮތް ދަސްކޮށްދެވޭނެއެވެ. މީގެ އިތުރުން މި ޕްރޮގްރާމް އެކުލަވާލާފައިވަނީ ކުދިން ހިތްހަމަޖެހޭފަދަ ހަރަކާތްތައް ހިމަނައިގެން، ކުރެހުމުގެ ތެރެއިން އުފެއްދުންތެރިކަން ތަރައްޤީކުރުމަށް ކުދިންނަށް ފުރުސަތުދިނުމުގެ މަޤްސަދުގައެވެ.

މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމުގައާއި، ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންނަށް  ފުރުސަތުތައް ފަހިކޮށްދިނުމަށް އާކްއިން ކޮށްދެއްވާ މަސައްކަތްތަކަށް މިނިސްޓްރީގެ ފަރާތުން ޝުކުރު ދަންނަވަމެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އާއި އާކް އާއި ދެމެދު ޑިސެމްބަރ 2016 ގައި ސޮއިކޮށްފައިވާ އެމް.އޯ.ޔޫގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

10 މެއި 2017

Leave a Reply

Your email address will not be published. Required fields are marked *