މިނިސްޓަރ ޝިދާތާ ދ.ކުޑަހުވަދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފު ދ.ކުޑަހުވަދޫއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. ނޮވެމްބަރު 26ގައި ކުރެއްވި މި ދަތުރުފުޅަކީ، ދ.ކުޑަހުވަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާ ދައުރަކަށް އެކުލަވައިލުމާ ގުޅިގެން ބާއްވާ ޙަފުލާ ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީ އަތޮޅާއި ރަށުގެ ތަރައްޤީއަށް މުހިންމު ދައުރެއް އަދާކުރެވޭނެ ބައެއް ކަމުގައި މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. އެހެން ކަމުން، މި ފަދަ ފުރުޞަތެއްގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، އަންހެނުންނާއި އަންހެން ކުދިންގެ ރައްކައުތެރިކަމާއި ކުރިއެރުމަށް މަސައްކަތްކޮށްދެއްވުމަށް އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.

ދ.ކުޑަހުވަދޫއަށް ކުރެއްވި މި ދަތުރުފުޅުގައި، ދ.ކުޑަހުވަދޫ ކައުންސިލްގެ މެންބަރުންނާ ވެސް ބައްދަލުކުރައްވައި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ މުއައްސަސާތަކާ ގުޅިގެން މިނިސްޓްރީން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުން އެ ކަމަނާ ޚިޔާލު ބަދަލުކުރެއްވިއެވެ.

މީގެ އިތުރުން، ދ.ކުޑަހުވަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން، ސެންޓަރުގެ މުވައްޒަފުންނާ މިނިސްޓަރ ޝިދާތާ މަޝްވަރާކުރެއްވިއެވެ.

19 ރަބީޢުލްއައްވަލް 1440

27 ނޮވެމްބަރު  2018

Leave a Reply

Your email address will not be published. Required fields are marked *