މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ލާއޯސްއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ލާއޯސްއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ. މި މަހުގެ 22އިން 25އަށް މިނިސްޓަރ ޒެނީޝާ ލާއޯސްއަށް ކުރެއްވި މި ދަތުރުފުޅުގައި، އެ ޤައުމުގެ ލޭބަރ އެންޑް ސޯޝަލް ވެލްފެއަރ މިނިސްޓަރ، ހިޒް އެކްސެލެންސީ ސޮމްފެންގ ޒޭސޮމްފެންއާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ޖެންޑަރގެ މަސައްކަތްތައް ޙިއްޞާކުރައްވައި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނާއި، އަންހެނުންގެ ޙައްޤުތައް ކުރިއެރުވުމަށް ދެ ޤައުމު ގުޅިގެން ކުރެވޭނޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރ ޒެނީޝާގެ މި ދަތުރުފުޅުގައި ލާއޯސްގެ އަންހެނުންގެ ޙައްޤުތަކާބެހޭ ރަސްމީ އިދާރާ ކަމުގައިވާ “ލާއޯ ވިމެންސް ޔޫނިއަން”ގެ ރައީސް ޑރ. އިންލަވަން ކިއޮބުންޕާއާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައިފައިވެއެވެ. އަދި “ކައުންސެލިންގ އެންޑް ޕްރޮޓެކްޝަން ސެންޓަރ ފޮރ ވިމެން އެންޑް ޗިލްޑްރަން”އަށް ޒިޔާރަތްކުރައްވައި، އެ މަރުކަޒުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ބައްލަވައިލައްވައި، ތަފާތު ބާވަތްތަކުގެ އަނިޔާ ލިބޭ އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، މިނިސްޓްރީގެ ތަޖުރިބާ ޙިއްޞާކުރައްވާފައިވެއެވެ. މީގެ އިތުރުން، “ލާއޯ ޑިސްއޭބަލްޑް ވިމެންސް ޑިވެލޮޕްމަންޓް ސެންޓަރ”ގެ މެނޭޖްމަންޓާއި ބައްދަލުކުރައްވައި އެ މަރުކަޒުގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންގެ ހުނަރުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ޓްރެއިނިންގ ޕްރޮގްރާމްތައް ބައްލަވައިލައްވާފައިވެއެވެ. އަދި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މޮބިލިޓީގެ ދަތިކަން ހުންނަ ފަރާތްތަކަށް ފިޒިކަލް ރިހެބިލިޓޭޝަން ޚިދުމަތް ފޯރުކޮށްދޭ ޚާއްސަ މަރުކަޒަށް ޒިޔާރަތްކޮށް، “ކޯޕަރެޓިވް އޯރތޮޓިކް އެންޑް ޕްރޮސްތެޓިކް އެންޓަރޕްރައިސް ސެންޓަރ (ކޯޕް)” އާއިބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައިފައިވެއެވެ.

މި ދަތުރުފުޅުގައި، ލާއޯސްގެ 2 ޔަތީމުޚާނާއަކަށްވެސް މިނިސްޓަރ ޒެނީޝާ ޒިޔާރަތްކުރައްވާފައިވެއެވެ. އެ ގޮތުން، ޑީކް ކުމް ޕާ އޯފަނޭޖަށާއި ސުއަންލުއާންގ ބޯޑިންގ ސްކޫލަށް ޒިޔާރަށްކުރައްވައި، އެ މަރުކަޒުތަކުގެ ކަންކަން ހިންގަވާގޮތް މިނިސްޓަރ ޒެނީޝާ ބައްލަވައިލައްވައި، މެނޭޖްމަންޓާއި ބައްދަލުކުރައްވައި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅެމުންދާ ކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ޚިޔާލުބަދަލުކުރައްވައި މަޝްވަރާކުރައްވާފައިވެއެވެ. އަދި އެ މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނާއި ބައްދަލުކުރައްވައި، އެކުދިންގެ އަތްތެރިމަސައްކަތާއި ކުރެހުންތައް ބައްލަވައިލައްވާފައިވެއެވެ.

މިނިސްޓަރ ޒެނީޝާގެ މި ރަސްމީ ދަތުރުފުޅުގައި ލާއޯސްގެ ފޮރިން މިނިސްޓަރ ހިޒް އެކްސެލެންސީ ސަލުމްޒޭ ކޮމަސިތްގެ އަރިހަށް ވަނީ އިޙްތިރާމްގެ ޒިޔާރަތެއްކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި، ކުދި ޤައުމުތަކަށް ތަރައްޤީގައި ދިމާވާ ގޮންޖެހުންތަކާމެދު ޚިޔާލުބަދަލުކޮށް، ދިވެހިރާއްޖެއާއި ލާއޯސްއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

 

08 ޖުމާދަލްއޫލާ 1439

25  ޖަނަވަރީ  2018

Leave a Reply

Your email address will not be published. Required fields are marked *