މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ، ސްޓޭކްހޯލްޑަރ ވާރކިންގ ގްރޫޕެއް އެކުލަވާލައްވައިފި

ހާއްސަ ރައްކާތެރިކަމާއި ހިމާޔަތް ބޭނުންވާ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ސްޓޭކްހޯލްޑަރ ވާރކިންގ ގްރޫޕެއް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ މިއަދު ވަނީ އުފައްދަވާފައެވެ. މި ގްރޫޕުގެ މަޤްސަދަކީ ހާއްސަ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ކުޑަކުދިންނާ ގުޅުންހުރި މަސައްކަތްތަކުގައި ބައިވެރިވާ އެންމެހާ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް އެކީ މަސައްކަތް ކުރުމެވެ.

މި ސްޓޭކްހޯލްޑަރ ވާރކިންގ ގްރޫޕުގައި ހިމެނިވަޑައިގަންނަވަނީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އިތުރުން މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގެ ދަށުން ހިންގަވާ ޖުވެނައިލް ޖަސްޓިސް ޔުނިޓް، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ދަށުން ހިންގަވާ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް، ޕްރޮސެކިއުޓަރ ޖެނެރަލްސް އޮފީސް އަދި ޔުނިސެފްގެ ބޭފުޅުންނެވެ. މި ގްރޫޕް އުފެއްދެވުމާއި ގުޅިގެން މިނިސްޓަރ ޒެނީޝާ ވަނީ ގްރޫޕުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި މި ގްރޫޕުގެ ސަބަބުން މުޢައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، މިފަދަ މަސައްކަތްތައް ހަލުވިކަމާއެކު ހކުރިއަށް ގެންދެވޭނެ ނިޒާމެއް ގާއިމުވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

2016 ޖޫން 22 ވަނަ ދުވަހު، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މިނިސްޓަރ ކަމަށް މިނިސްޓަރ ޒެނީޝާ ޢައްޔަން ކުރެއްވުމާ ގުޅިގެން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާގޮތަށް ޚާއްސަ ޓާސްކްފޯސްއެއް ވެސް ވަނީ އެކުލަވާލައްވާފައެވެ. މި ޓާސްކް ފޯސްގެ މަޤްޞަދަކީ މިނިސްޓްރީގެ ބެލުމުގެ ދަށުން މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ދިމާވާ ޙާއްސަ މައްސަލަތައް ހައްލުކުރުމުގައި މިނިސްޓްރީގެ ސެކްޝަންތަކުގެ މެދުގައި ވިލަރެސްކޮށްގެން ހަލުވިގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. އަދި ދާއިރާގެ މުއައްސަސާތަކުގެ މެދުގައި މިއަދު އުފެދުނު ސްޓޭކްހޯލްޑަރ ވާރކިންގ ގްރޫޕަށް ބޭނުންވާ އެންމެހާ އިދާރީ އެހީތެރިކަން މިނިސްޓްރީގައި އެކުލަވާލާފައިވާ ސްޕެޝަލް ޓާސްކްފޯސް މެދުވެރިކޮށް ކުރިއަށް ގެންދާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

3 އޯގަސްޓް 2016

Leave a Reply

Your email address will not be published. Required fields are marked *