އޯ.އައި.ސީގެ ‘މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން’ ގެ ބައްދަލުވުމުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންފި

މިޞުރުގެ ޤާހިރާގައި ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ “އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން” (އޯ.އައި.ސީ)ގެ ‘މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން’ގެ 8 ވަނަ ސެޝަންގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ ކޮވިޑް-19 ގެ ހާލަތުގައި އިސްލާމީ ޤައުމުތަކުން އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާއި، އެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކުގެ ތެރެއިން، އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި އިސްލާމީ އެކިއެކި ޤައުމުތަކުގެ ތަޖުރިބާތައް ހިއްސާކުރެވިގެންދިޔައެވެ.

މިނިސްޓީރިއަލް ކޮންފަރެންސްގެ 8 ވަނަ ސެޝަންގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރެވިފައިވާ މުހިންމު މަސައްކަތްތައް ހިއްސާކުރައްވަފައިވެއެވެ.

މީގެ އިތުރުން، އޯ.އައި.ސީގެ މެންބަރު ޤައުމުތަށް ހިމެނޭގޮތަށް، އެ ޖަމްޢިއްޔާއިން އަލަށް ޤާއިމުކޮށްފައިވާ ވިމަން ޑިވަލްޕްމަންޓް އޯގަނައިޒޭޝަން (ޑަބްލިއު.ޑީ.އޯ)ގެ މިނިސްޓްރީރިއަލް ކައުންސިލުގެ 2 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަންވެސް ވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުން ޖުލައި މަހުގެ 7 ވަނަ ދުވަހަށް މިސުރުގެ ޤާހިރާގައި ކުރިއަށް ގެންދެވިފައެވެ. މި ބައްދަލުވުމުގައިވެސް މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ޑަބްލިއު.ޑީ.އޯގެ ހިންގުމާ ގުޅޭ މުހިންމު ކަންކަން ނިންމިގެންދިޔައެވެ.

އޯ.އައި.ސީގެ ‘މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން’ގެ 8 ވަނަ ސެޝަންއާ ގުޅިގެން ބޭއްވުނު ސައިޑް އިވެންޓްތަކުގެ ތެރެއިން، ޖުލައި 6 ގައި ބޭއްވި ‘މިނިސްޓީރިއަލް އިންޓަރެކްޓިވް ޑައިލޮގް އޮން އިކޮނޮމިކް އެމްޕަވަރވަމަންޓް އޮފް ވިމަން އިން ދަ ނިއު ނޯރމަލް’ ގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮވިޑް-19 ގެ ހާލަތުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް މިނިސްޓަރ އަލިއަޅުވާލެއްވިއެވެ.

އަދި ހަމަ އެހެންމެ، މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވަނީ ދިވެހިރާއްޖެއިން ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި އާންމުން ހޭލުންތެރިކުރުމަށާއި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ‘ގެވެށި ގުޅުން’ ކެމްޕޭނާ ގުޅޭ ގޮތުންވެސް ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި މީގެ އިތުރުން، ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ހާލަތު ބަދަލުވެ، މާލޭގައި ދިރިއުޅެމުންދިޔަ ފަރާތްތަކުގެ ތެރެއިން އަމިއްލަ ރަށަށް ބަދަލުވެ ވަޒަންވެރިވާން އެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީއިން ކުރިއަށްގެންދާ ‘އަހުލު’ ޕްރޮގްރާމް މިނިސްޓަރ ވަނީ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ޖުލައި 7 ވަނަ ދުވަހު ބޭއްވުނު އޯ.އައި.ސީގެ ވިމަން ޑިވަލޮޕްމަންޓް އޮރގަނައިޒޭޝަންގެ މެންބަރު ޤައުމުތުގެ މިނިސްޓީރިއަލް ރައުންޑްޓޭބަލްގައިވެސް މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވާހަކަފުޅުދެއްކެވިއެވެ. މި ބައްދަލުވުމަކީ އޯ.އައި.ސީގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށްކުރާ އެންމެހައި މަސައްކަތްތަކުގައި ޑަބްލިއު.ޑީ.އޯގެ މެންބަރު ޤައުމުތަކުން ކުރާނެ މަސައްކަތްތަކާއި، އ.ދ.ގެ އެކި އެކި ޖަމުޢިއްޔާ ޖަމާޢައްތަކާ ގުޅިގެން ޑަބްލިއު.ޑީ.އޯގެ މަސައްކަތްތައް ހަރުދަނާކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ޑަބްލިއު.ޑީ.އޯގެ މިނިސްޓީރިއަލް ކައުންސިލުގެ 2 ވަނަ އެކްސްޓްރާ އޯޑިނަރީ ސެޝަން އަދި އޯ.އައި.ސީގެ ‘މިނިސްޓީރިއަލް ކޮންފަރެންސް އޮން ވިމަން’ގެ 8 ވަނަ ސެޝަން އަށް ތައްޔާރުވުމުގެ ގޮތުން ބޭއްވުނު ސީނިއަރ އޮފިޝަލުންގެ ބައްދަލުވުންތަކުގައި ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު ޔުމްނާ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ބައްދަލުވުންތަކުގެ ތެރެއިން، އޯ.އައި.ސީގެ މެންބަރު ޤައުމުތަކުން އަންހެނުންގެ ތަރައްޤީއަށާއި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ އެންމެހާ މަސައްކަތްތަކާއި ތަޖުރިބާތަކަށް ބިނާކޮށް، ހުރިހާ ޤައުމުތަކެއް ގުޅިގެން، ވަށާޖެހިގެންވާ ނިޒާމެއްގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް ކުރެވޭ އެކިއެކި މަސައްކަތްތައް ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ހާމަވެގެންދިޔައެވެ.

1 ޛުލްޙިއްޖާ 1442

11 ޖުލައި 2021

Leave a Reply

Your email address will not be published. Required fields are marked *