އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށް ހިންގާ “ރަންވޭލާ” ކެމްޕޭންގެ ދަށުން މީޑިއާ ސެންސިޓައިޒޭޝަން ޕްރޮގްރާމްއެއް ބާއްވައިފި

އުމުރުންދުވަސްވީ މީހުންނަށް އަމާޒުކޮށް ހިންގާ “ރަންވޭލާ” ގެ ދަށުން މީޑިއާ ސެންސިޓައިޒޭޝަން ޕްރޮގްރާމެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން މިއަދު ބާއްވައިފިއެވެ. މިއަދު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައި ބޭއްވުނު މި ޕްރޮގްރާމްގައި  6 މީޑިއާއިން ބައިވެރިވެފައިވެއެވެ.

މިއަދުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވުނު ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، “މީޑިއާ އަކީ މުޖުތަމައުއެއް ހޭލުންތެރިކުރުމުގެ އެންމެ މުހިއްމު އެއް ވަސީލަތްކަމަށްވީހިނދު…މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުން، ދިވެހި މުޖުތަމަޢުގައި އުމުރުންދުވަސްވީ މީހުންނަށް ދިމާވާ ގޮންޖެހުންތައް، ޚާއްސަކޮށް އުމުރުންދުވަސްވީ މީހުންގެ ބައިވެރިވުން، އަޅާލުން، އަދި ދުޅަހޮޔޮކަން އިތުރުކުރުމާ ގުޅޭގޮތުން އާންމުންގެ މަޢުލޫމާތު މުއްސަނދިކުރުމަށް އިސްދައުރެއް އަދާކުރައްވާނެކަމަށް” މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވިއެވެ. އަދި މީގެ އިތުރުން އުމުރުންދުވަސްވީ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ކުރިއެރުންތަކެއް މިއަދުގެ ބައިވެރިން ހޯއްދަވައިދެއްވާނެކަމަށް ވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

“ރަންވޭލާ” ކެމްޕެއިންއަކީ މުޖުތަމަޢު އާއި ޢާއިލާގެ ތެރޭގައި އުމުރުންދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމާއި، އެ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރަން މަސައްކަތްކުރުމަށްޓަކައި މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އިން އިފްތިތާޙްކުރި ކެމްޕެއިންއެކެވެ. މި ކެމްޕެއިންގެ ދަށުން ބ. އަތޮޅުގެ ހުރިހާ ރަށެއްގެ ސޯޝަލް ސަރވިސް ވަރކަރުންނާއި ހެލްތް އޮފިސަރުންނަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގާފައިވެއެވެ. އަދި ބ އަތޮޅުގެ 4 ރަށެއްގައި، އުމުރުންދުވަސްވީ މީހުންނަށް ހެލްތް ސްކްރީނިންގ ޕްރޮގްރާމްތަކެއް ހިންގާފައިވެއެވެ.

4 ސެޕްޓެމްބަރ 2016

Leave a Reply

Your email address will not be published. Required fields are marked *