އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ އިސްނެގުމާއެކު ކުރިއަށް ގެންދާ “ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމް”ގައި ބައިވެރިވުމުގެ ފުރުޞަތު މިއަދު ހުޅުވައިލައިފިއެވެ.

މިނިސްޓްރީން މިއަދު ޢާންމުކުރި އިޢުލާނުގައިވާ ގޮތުގައި މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅުއްވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ “ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކުން އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު” އިންނެވެ.

މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި މިނިސްޓްރީގެ ވެބްސައިޓް www.gender.gov.mv މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. ފޯމު ހުށަހަޅުއްވާނީ އެހީއަށް އެދޭ ފަރާތުން ވަޒަންވެރިވާން ބޭނުންވާ ރަށުގެ ކައުންސިލްގެ އިދާރާއަށެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ނަމަ ގުޅުއްވާނީ މިނިސްޓްރީގެ ނަންބަރު 1421ށް ނުވަތަ އީމެއިލް މެދުވެރިކޮށް ނަމަ ahulu@gender.gov.mv އަށެވެ.

މިއީ، ޤާނޫނު ނަންބަރު 2020/20 (ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020)ގެ 4ވަނަ ބާބަށް ރިޢާޔަތްކޮށް، އެ ޤާނޫނުގެ 46ވަނަ މާއްދާގެ (ށ)ން މިނިސްޓްރީއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމްގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ހަމަތަކާއި އިޖުރާޢަތުތައް ބަޔާންކުރާ ގަވާއިދުގެ ދަށުން ހުޅުވައިލެވުނު ފުރުޞަތެކެވެ.

މި ޕްރޮގްރާމްގެ މަޤްޞަދުތަކުގެ ތެރޭގައި ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތަށާއި އިޖުތިމާޢީ ހާލަތަށް ކުރިމަތިވެފައިވާ ދަތިކަން ޙައްލުކޮށް، ޢާންމު ހާލަތަށް ރުޖޫޢަވުމަށް މަސައްކަތްކުރުމާއި، އިޤްތިޞާދީ ދަތި ހާލަތުގެ ޒަރޫރިއްޔަތުގެ ތެރެއިން ދިރިއުޅުން އެހެން ރަށަކަށް ބަދަލުކުރުމަށް ހުރަސްތައް ހުރި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ބޮޑެތި އަދަދުތަކުން ދަރަނިވެރިވަމުންދާ ޢާއިލާތަކަށް، އެ ފަދަ ޢާއިލާތަކުގެ ހާލަތު ބަދަލުކޮށް، އަމިއްލަ ފައިމައްޗައް ތެދުވުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.

500 ޢާއިލާއަކަށް އަމާޒުކޮށްގެން ހިންގޭ މި ޕްރޮގްރާމްގެ ތެރެއިން ދެވޭ އެހީތަކުގެ ތެރޭގައި އެސްޓަބްލިޝްމަންޓް ސަޕޯޓު އެލަވަންސް، ދަތުރުފަތުރުގެ ޚަރަދު ހަމަޖައްސައިދިނުމަށް ފޯރުކޮށްދެވޭ މާލީ އެހީ، ގޯތި ނުވަތަ ޢިމާރާތް މަރާމާތުކުރުމަށް ފޯރުކޮށްދެވޭ މާލީ އެހީ، ގޭބީސީގައި ހިފައިގެންގުޅޭ ތަކެތި ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީ އަދި ގޭބީސީގެ ފަރުނީޗަރު ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީ ހިމެނެއެވެ.

21 ޖުމާދަލްއާޚިރާ 1442

03  ފެބުރުވަރީ  2021

Leave a Reply

Your email address will not be published. Required fields are marked *