އަންހެނުން ބާރުވެރި ބަޔަކަށް ނުވެގެން އުޅެނީ ޤާނޫނުތަކެއް ނެތިގެންނޭ ދެންނެވޭކަށް ނެތް – މިނިސްޓަރ ޝިދާތާ

ޖެންޑަރ އިކުއަލިޓީގެ ޤާނޫނު ތަޞްދީޤުކުރެވުނުތާ ބަރާބަރު 3 އަހަރު ކުރިއަށް އޮތް އޮގަސްޓު މަހު 23ގައި ފުރޭ އިރު، އަންހެނުން ސިޔާސީ ގޮތުންނާއި އިޤުތިސާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބާރުވެރި ބަޔަކަށް ނުވެގެން އުޅެނީ ޤާނޫނުތަކެއް ނެތިގެންނޭ ދެންނެވޭކަށް ނެތް ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

ޓްރާންޕޭރެންސީ މޯލްޑިވްސްއާއި ޔޫއެންޑީޕީ ގުޅިގެން ހޮޓެލް ޖެންގައި ކުރިއަށް ގެންދާ “ސިމްޕޯސިއަމް އޮން ވިމެންސް ޕޮލިޓިކަލް ޕާޓިސިޕޭޝަން” ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ޖެންޑަރ އިކުއަލިޓީގެ ޤާނޫނުގައި ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި، ހުރިހާ ފަރާތެއްގެ ޒިންމާ ވަރަށް ޞަރީހަ އިބާރާތުން ބަޔާންވެފައި އޮތް ކަމަށެވެ. އެހެން ނަމަވެސް، ޤާނޫނުގައި ބަޔާންކުރާ ކަންކަން ތަންފީޛުވެގެން ދާ މަންޒަރު، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެނިގެން ނުދާ ކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ސިޔާސީ ގޮތުން އަންހެނުންނަށް ލިބިފައިވާ ކުރިއެރުމަށް ނަޒަރު ހިންގައިލާ އިރު، މާ ހިތްހަމަ ޖެހޭ އުފާވެރި މަންޒަރެއް ފެނިގެން ނުދާކަން ބަޔާންކުރައްވައި، ދިވެހިރާއްޖޭގެ އާބާދީގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ދާދި އެއް ހަމައެއްގައި އޮތް އިރު، މުހިންމު ނިންމުންތައް ނިންމާ ފެންވަރުގައި އެ ކަން ފެނިގެން ނުދާ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. ވަކިން ޚާއްޞަ ގޮތެއްގައި އިންތިޚާބީ މަޤާމުތަކުގައި އެ ފަރަޤު ބޮޑުކަމަށް ވިދާޅުވެ، ނިމިގެން ދިޔަ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމުލަ 87 ގޮނޑީގެ ތެރެއިން އަންހެނުން އިންތިޚާބުވެފައި ވަނީ އެންމެ 4 ގޮނޑިއަށް ކަން ފާހަގަކުރައްވައި، އެ ކަންކަމާ މެދު ވިސްނައި ފިކުރުކޮށް، ކަންކަން އިޞްލާޙުކުރަން ޖެހިފައިވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިތުރުން، ކައުންސިލްތަކުގެ އިންތިޚާބުތަކުގައި ވެސް ފެނިގެން ދަނީ މި ފަދަ މަންޒަރެއް ކަމަށް ވިދާޅުވިއެވެ. އަދި މި ކަމަށް އޮތް ޙައްލަކީ އިންތިޚާބީ މަޤާމުތަކަށް ކޯޓާގެ އުސޫލުން އަންހެނުންނަށް ގޮނޑިތަކެއް ކަނޑައެޅުން ކަމަށާއި، އެއީ އެފަރމޭޓިވް އެކްޝަން ނުވަތަ ޕޮސިޓިވް ޑިސްކްރިމިނޭޝަންކަން ބަޔާންކުރައްވައި، މި ޚިޔާލު ކުރިން ވެސް ހާމަކޮށްފައިވާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. ހަމަ އެހެންމެ، ކުރިއަށް އޮތީ ވެސް ވަރަށް މުހިންމު ދުވަސްތަކެއް ކަމަށާއި، ކައުންސިލްތަކުގެ އިންތިޚާބު ބޯމަތިވެފައިވާ އިރު، އެ އިންތިޚާބުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި މިހާރުން ފެށިގެން ގިނަ މަސައްކަތްތަކެއް ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ފެންވަރުގައި ގުޅިގެން ކުރަން ޖެހޭ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

23 ޝަޢުބާން 1440

28 އެޕްރީލް 2019

Leave a Reply

Your email address will not be published. Required fields are marked *