އަންހެނުންގެ ޙައްޤުތައް ކުރިއަރުވައި ރައްކައުތެރިކުރުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ނޫންކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވެއްޖެ

އަންހެނުންގެެ ޙައްޤުތައް ކުރިއަރުވައި ރައްކައުތެރިކުރުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ނޫންކަމަށާއި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް  ދެ ޖިންސުގެ ބައިވެރިވުން ވަރަށް މުހިންމުކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ އަންހެން ކުދިންނާއި އަންހެނުންނަކީ ހުރިހާ ދާއިރާއެއްގައި ވެސް އެއްހަމަ ބަޔަކަށް ހެދުމަށްޓަކައި ފިރިހެނުންގެ ދައުރު ފުޅާކުރަން ޖެހޭކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ޤާނޫނީ ހަމަހަމަކަން ގެނައުމުގައި ދިވެހިރާއްޖޭން ކުރިއެރުންތަކެއް ހޯދައިފައިވާކަން ފާހަގަކުރެއްވިއެވެ. މި ގޮތުން ރާއްޖޭގައި ގެވެށި އަނިޔާއާއި ޖިންސީ ކުށާއި ޖިންސީ ގޯނާކުރުމާއި ފުރައްސާރަކުރުން ހުއްޓުވުމުގެ ޤާނޫނުތަކަށް ޢަމަލުކުރެވެމުންދާކަމަށް ވިދާޅުވެ، ހުސްވި އަހަރު ތަޞްދީޤުކުރި ޖެންޑަރ އީކުއަލިޓީގެ ޤާނޫނަކީ އަންހެނަކަށްވީތީ ދިމާވާ ތަފާތުކުރުންތައް ނައްތާލުމަށާއި އަންހެނުންނަށް ރައްކައުތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ބާރެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކައިވެނި ރޫޅޭ ހާލަތުގައި ދެމަފިރިންގެ މުދާ ހަމަހަމަ އުޞޫލަކުން ބަހާގޮތަށް ޢާއިލާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙަކީ އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަމަށް ވިދާޅުވެ މިހާރަށްވުރެ ގިނަ އަދަދެއްގެ އަންހެނުން ޤައުމުގެ އިސް ސަފުތަކުން ފެނިގެން ދިއުމަކީ ޤައުމުގެ ތަރައްޤީއަށް ކޮންމެހެން ވެސް ބޭނުންވާކަމެއްކަމަށް ވެސް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ. ވަކިން ޚާއްޞަގޮތެއްގައި ކަންކަން ނިންމާ ފެންވަރުގައި މިހާރަށްވުރެ ފުޅާ ދައުރެއް އަންހެނުން އަދާކުރާތަން ފެންނަންޖެހޭކަމަށް ވިދާޅުވެ، މަތީ ފަންތީގެ މަޤާމުތަކަށް އަންހެނުން ދިއުމަށް ދިމާވާ ހުރަސްތަކަކީ ކޮބައިތޯ ދެނެގަނެ، އެ ކަންކަމަށް ޙައްލު ހޯދުމަށް އިސްކަން ދޭންޖެހޭނެ ކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ.

20 ޖުމާދަލްއާޚިރާ 1439

08    މާރިޗު   2018

Leave a Reply

Your email address will not be published. Required fields are marked *