ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޗިލްޑްރަންސް ޑޭ ފޯރަމެއް ބާއްވައިފި

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޔުނިސެފް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ގުޅިގެން ޚާއްސަ ޗިލްޑްރަންސް ޑޭ ފޯރަމްއެއް މިއަދު ބާއްވާފިއެވެ. ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އިންތިޒާމުކުރި މި ފޯރަމްގެ މަޤްޞަދަކީ ކުދިންގެ ބައިވެރިވުން އެކުލެވޭގޮތަށް، ޢާއިލީ، އިޖުތިމާޢީ އަދި ޤައުމީ ފެންވަރުގައި ކުދިންނާ ގުޅުންހުރި ކަންކަމުގައި އެ ކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

މި ފޯރަމްއަށް ތައްޔާރުވުމުގެ ގޮތުން، މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންގެ ބައިވެރިވުން ހިމެނޭ ގޮތަށް ގއ.ވިލިނގިއްޔާއި މާލޭގައި ކޮންސަލްޓޭޝަން ސެޝަންތަކެއް ވަނީ ބާއްވާފައެވެ. މި މަހުގެ 2 އިން  3އަށް ގއ. ވިލިނގިލީގައި ކުރިއަށް ގެންދިޔަ ކޮންސަލްޓޭޝަން ސެޝަންތަކުގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 24 ކުދިންވަނީ ބައިވެރިވެފައެވެ. އަދި މާލޭގައި ބޭއްވި ކޮންސަލްޓޭޝަން ސެޝަންތަކުގައި ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް، އަޙުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުންނާއި މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަން އަދި ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިން ހިމެނޭގޮތަށް 25 ކުދިންވަނީ ބައިވެރިވެފައެވެ.

މާލެ އާއި ގއ. ވިލިނގިލީގައި ބޭއްވި ކޮންސަލްޓޭޝަން ސެޝަންތައް މެދުވެރިކޮށް، ޢާއިލާއާއި ޢާއިލާގެ ބޭރުން ކުދިންނާ ގުޅުންހުރި ކަންކަމުގައި ކުދިންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން، ކުދިންގެ ނަޒަރުގައި މިކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ މަޢުލޫމާތުތަކަށް ބިނާކޮށް މިއަދުގެ ފޯރަމްގައި ބައިވެރިންގެ ޚިޔާލުތައް ވަނީ ހުށަހަޅައިދީފައެވެ.

މިއަދު ބޭއްވި ޚާއްސަ ފޯރަމްގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީއާއި ޔުނިސެފްގެ ކަންޓްރީ ރެޕްރެޒެންޓޭޓިވް މުނީރު ސަފީލްދީން ވާހަކަފުޅު ދެއްކެވިއެވެ. މި ޙަފްލާގައި މިނިސްޓަރ ޒެނީޝާ ދެއްކެވި ވާހަކަފުޅުގައި، ކުޑަކުދިންނާ ގުޅުންހުރި ސިޔާސަތުތައް އެކަށައަޅާއިރު، ކުދިންގެ ޚިޔާލާއި މަޝްވަރާ ލިބުމަކީ މުހިންމުކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިފަދަ ފޯރަމްތައް މެދުވެރިކޮށް މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމަށް ކުދިންނަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ކުދިންނަށް އިލްތިމާސްކުރެއްވިއެވެ.

މިއަދުގެ ޙަފްލާގައި މިނިސްޓްރީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ގަރލް ގައިޑް އޮސޯސިއޭޝަން، ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް އަދި އަޙުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

24 ޝަޢުބާން 1439

10   މޭ   2018

Leave a Reply

Your email address will not be published. Required fields are marked *