ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަސް ފާހަގަކުރުމުގެގޮތުން މިނިސްޓްރީއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރައްވަމުންދާ އަންހެންބޭފުޅުންނާއެކު މަސައްކަތްކޮށްލުމުގެ ފުރުސަތު އަންހެންކުދިންނަށް ހޯދާދީފި

2016 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި ވަޒީފާ އަދާކުރައްވަމުންދާ އަންހެންބޭފުޅުންނާއެކު މަސައްކަތްކޮށްލުމުގެ ފުރުސަތު އަންހެންކުދިންނަށް ވަނީ ހޯދާދީފައެވެ. އަންހެންކުދިން ބާރުވެރިކުރުވުމުގެ މަޤްސަދުގައި ހިންގި މިހަރަކާތުގައި އުމުރުން 16 އަހަރާއި 17 އަހަރުގެ 27 ކުދިން ބައިވެރިވިއެވެ. އެއް ދުވަހަށް ކުރިއަށް ގެންދެވުނު މިހަރަކާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތައް އަދި މީޑިއާ ފަދަ ތަފާތު ދާއިރާތަކުގައި ފާހަގަކޮށްލެވޭ އަންހެން ބޭފުޅުންނާއެކު އެއް ދުވަހުގެ މަސައްކަތް ތަޖުރިބާކޮށްލާނެ ފުރުސަތު އަންހެންކުދިންނަށް ވަނީ ލިބިފައެވެ. އަދި، މި ހަރަކާތުގެ މައިގަނޑު މަޤްސަދަކީ އަންހެންކުދިންގެ ލަނޑުދަންޑިތަކާއި އުއްމީދުތަކަށް ވާސިލްވުމަށް، އަދި ޙާއްސަކޮށް އެކި ދާއިރާތަކުގައި ކަންކަން ނިންމާ ފެންވަރުގެ ވަޒީފާތަކާ ހަމަޔަށް ދިޔުމަށް އެކުދިންނަށް ހިތްވަރުދީ ބާރުވެރިކުރުވުމެވެ.

މިހަރަކާތް ނިންމާލުމުގެގޮތުން މިނިސްޓްރީގައި މިއަދު ބޭއްވި ޙާއްސަ ހަފްލާއެއްގައި އެކުދިންގެ މެދުގައި ތަޖުރިބާ ހިއްސާކޮށްލުމަށް ވަނީ ފުރުސަތު ލިބިފައެވެ. މިހަފްލާގައި ވާހަކަފުޅުދައްކަވަމުން، ދެ ޖިންސުގެ ހަމަހަމަކަން ޤާއިމްކުރުމާއި، އަންހެންކުދިން ބާރުވެރިކުރުވުމުގެ މަސައްކަތުގެ މުހިއްމުކަންދެނެގަނެވޭނެ ފުރުސަތު މިހަރަކާތުގައި ބައިވެރިވި ކުދިންނަށް ލިބުނުކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ ވިދާޅުވިއެވެ. އަދި، މާދަމާގެ އިސްވެރިންގެ ގޮތުގައި މިއަދުގެ އަންހެންކުދިން ދިވެހިރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތްކުރާ ދުވަސް ދެކެން އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ޒެނީޝަ ވިދާޅުވިއެވެ.

މިއަދުގެ ޙާއްސަ ހަރަކާތުގައި ބައިވެރިވި ކުދިންނަށް ހަނދާނީ ލިޔުމެއްވަނީ ހަވާލުކޮށްފައެވެ. އަދި، މިހަރަކާތް ކުރިއަށްގެންދިޔުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މެޕްސް ކޮލެޖް، ވިލާ ކޮލެޖް، ސައިރިކްސް ކޮލެޖް އަދި މައި ކޮލެޖުން ދެއްވާފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް މިނިސްޓްރީއިން ޝުކުރު ދަންނަވަމެވެ.

ބައިނަލްއަޤްވާމީ އަންހެންކުދިންގެ ދުވަހަކީ، އަންހެންކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި އަންހެންކުއްޖަކަށްވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ. ގެ އާންމު މަޖިލީހުން ފާސްކުރައްވާ، 2011 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ފާހަގަކުރަމުންދާ ދުވަހެކެވެ. މިއަހަރުގެ ޝިއާރަކީ:”ގަރލްސް ޕްރޮގްރެސް = ގޯލްސް ޕްރޮގްރެސް: ވަޓް ކައުންޓްސް ފޮރ ގަރލްސް”.

11 އޮކްޓޯބަރ 2016

Leave a Reply

Your email address will not be published. Required fields are marked *