ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޢާއިލީ ހަވީރެއް އިންތިޒާމުކޮށްފި

ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޢާއިލީ ހަވީރެއް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އިއްޔެ ހަވީރު އިންތިޒާމުކޮށްފިއެވެ.

ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ބާރުއެޅުމަށާއި، އެ ފަރާތްތަކަށް ކުރިމަތިވާ އެކި ބާވަތުގެ ގޮންޖެހުންތަކާއި ދުޅަހެޔޮ ކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، އުމުރުން ދުވަސްވީ މީހުންނަށް ޢާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ކުޑަކުދިންގެ ބަގީޗާގައި އިންތިޒާމުކުރެވުނު މި ޢާއިލީ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މިނިސްޓަރ ޝިދާތާ ޝަރީފް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ޢާއިލީ ހަވީރުގައި، މަޢުލޫމާތު ދިނުމާއި، މުނިފޫހިފިލުވުމާއި ކުޅިވަރުގެ ހަރަކާތްތަކާއި، ޞިއްޙަތާ ގުޅުން ހުރި ބައެއް ޓެސްޓްތައް ހެދުމުގެ އިންތިޒާމުތައް ހަމަޖެހިފައިވެއެވެ.

ދައުލަތުގެ އެކި އިދާރާތަކާއި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ޖުމުލަ 17 ސްޓޯލެއް މި ޢާއިލީ ހަވީރުގައި ބައިވެރިކޮށްފައިވެއެވެ. އެ ފަރާތްތަކަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، މާލޭ ސިޓީ ކައުންސިލް، މޯލްޑިވްސް ޑިފެންސް ފޯސް، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، މޯލްޑިވްސް ރެޑް ކްރެސެންޓް، ދިވެހިރާއްޖޭގެ އިސްރަށްވެހިންގެ ޖަމުޢިއްޔާ، ޖީ ކެއަރ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، އޭޖްޑް ކެއަރ މޯލްޑިވްސް، މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕް (އެމް.އެސް.ޖީ.އެފް)، އިޒޫ ކޮންސަލްޓެންސީ، ދަމަނަވެށި އަދި މާލޭ ވިމެންސް ޑިވަލޮޕްމެންޓް ކޮމެޓީއެވެ.

މި ދުވަހަކީ އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކުރުމަށާއި، އެ މީހުންނަށް ކުރިމަތިވާ އެކި ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދގެ ޢާންމު މަޖިލީހުން ފާސްކޮށް، 1991ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.

14 ޞަފަރު  1441

13 އޮކްޓޫބަރު 2019

Leave a Reply

Your email address will not be published. Required fields are marked *