ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން “ގަރލްސް ލީޑް އިނީޝިއަޓިވް”ގެ ނަމުގައި ޕްރޮގްރާމެއް ހިންގައިފި

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އިސްނަގައިގެން، ޔުނިސެފް މޯލްޑިވްސްގެ އެހީތެރިކަމާއެކު “ގަރލްސް ލީޑް އިނީޝިއޭޓިވް”ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް މި މަހުގެ 5ން 10ށް ކުރިއަށް ގެންގޮސްފިއެވެ.

އަންހެން ކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި، އަންހެން ކުއްޖަކަށްވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި ކުރިއަށް ގެންދެވުނު 6 ދުވަހުގެ މި ޕްރޮގްރާމްގައި އަންހެން ކުދިންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމާއި، އަންހެން ކުދިންގެ ޞިއްޙަތާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، އަންހެނުންނާއި އަންހެން ކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އ.ދ.އިން އެކުލަވައިލައިފައިވާ މުޢާހަދާއަށް ހޭލުންތެރިކުރުވުމުގެ ސެޝަންތައް ހިންގިފައިވެއެވެ. އަދި މި ޕްރޮގްރާމްގައި ސަރުކާރުގެ އެކި ވުޒާރާތަކާއި، އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތައް އަދި އެހެނިހެން މުއައްސަސާތަކުގެ އިސް މަޤާމުތަކުގައި ތިއްބެވި ފާހަގަކޮށްލެވޭ އަންހެނުންނާއެކު މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ބައިވެރިންނަށް ދެވިފައިވެއެވެ. މީގެ އިތުރުން ނޮން-ޓްރެޑިޝަނަލް ރޯލުތަކަށް އަންހެން ކުދިންގެ ޝައުޤުވެރިކަން އުފެއްދުމަށް ޓަކައި ހިންގާ ހަރަކާތްތަކާއި، އަންހެނުން މަދު ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ ފަރާތުން ކެރިއަރ ގައިޑަންސް ދިނުން ވެސް ކުރިއަށް ގެންދެވިފައިވެއެވެ.

މި ޕްރޮގްރާމް ނިންމައިލުމުގެ ގޮތުން އަސަރީ މާލަންގައި މިއަދު ބޭއްވި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވީ މި އަހަރުގެ ޕްރޮގްރާމްގައި ދައުލަތުގެ ތިން ބާރާއި، މީޑިއާއާއި، ވިޔަފާރީގެ އިތުރުން މަދަނީ މުޖުތަމަޢުގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އަންހެނުންނާއެކު މަސައްކަތް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ބައިވެރިންނަށް ލިބިގެން ހިނގައްޖެ ކަމަށާއި، މިއީ ވަރަށް މަދުން ނޫނީ ނުލިބޭނެ ފުރުޞަތެއް ކަމަށެވެ. އެހެން ކަމުން، މި ފަދަ ފުރުޞަތުތަކުގެ ބޭނުން ހިފައި، މުސްތަޤުބަލުގައި ނަމޫނާ އަންހެން ލީޑަރުންނަށް ވުމުގެ އަޒުމް ކަނޑައެޅުމަށް އެ ކަމަނާ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ސްކޫލްތަކާއި ކޮލެޖްތަކުގައި ތަޢުލީމު ހާސިލުކުރަމުންގެންދާ 16 އަހަރާއި 18 އަހަރާ ދެމެދުގެ 40 ކުދިން ބައިވެރިވި މި ޕްރޮގްރާމް ފެސިލިޓޭޓްކުރުމުގައި ހި��ުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، ވިމެން އިން ޓެކް މޯލްޑިވްސް، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަދި މޫދު ބުޅާ ޑައިވް ސެންޓަރއިން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މިއަދު ބޭއްވުނު ޙަފުލާގައި ޕްރޮގްރާމްގެ އެންމެހައި ބައިވެރިންނަށް ހަނދާނީ ލިޔުން އެރުވި، މި ޕްރޮގްރާމްގައި ކުދިންނަށް ކުރެވުނު ތަޖުރިބާ ދައްކުވައިދޭ ވީޑިއޯ ރިޕޯޓެއް ދައްކައިލައިފައިވެއެވެ.

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ވެއަތުވެ ދިޔަ 3 އަހަރު ވެސް ގަރލްސް ލީޑް އިނީޝިއަޓިވްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމްތަކެއް ހިންގިފައިވެއެވެ.

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހަކީ، އަންހެން ކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި އަންހެން ކުއްޖަކަށްވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކުރައްވައި، 2011ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ.

11 ޞަފަރު  1441

10 އޮކްޓޫބަރު 2019

Leave a Reply

Your email address will not be published. Required fields are marked *