ރިވެލި މަޢުރަޒު 2022 ހުޅުވައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްފައިވާ ރިވެލި މައުރަޒު ހުޅުވައިފިއެވެ. މިކަމަށް މިއަދު ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާއި، މައުރަޒު ހުޅުއްވައިދެއްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ. އަރިހުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މައުރަޒުގައި ބައިވެރިންގެ އުފެއްދުންތައް ހުށަހަޅާފައިވަނީ 5 ދާއިރާއަކުންނެވެ. އެއީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ކާބޯތަކެތީގެ ދާއިރާ، ކުރެހުމުގެ ދާއިރާއާއި އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއެވެ. މި މައުރަޒުގައި 95 ބައިވެރިންގެ އެފެއްދުންތައް ދައްކާލާފައިވާއިރު، މިއުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. މައުރަޒުގެ ބައިވެރިންނަށް މި ރަސްމިއްޔާތުގައި ހަނދާނީ ލިޔުން ދެއްވައިފައިވެއެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ 14 އަދި 15 ނޮވެންބަރު 2022ގެ ހެނދުނު 10:00 ން 18:00 އަށް އަދި ރޭގަނޑު 20:00 ން 22:00 އޮންނަ މައުރަޒެކެވެ.

20 ރަބީޢުލްއާހިރު 1444

14 ނޮވެންބަރު 2022

Leave a Reply

Your email address will not be published. Required fields are marked *