ރަންވޭލާ ކެމްޕޭން ފ.އަތޮޅުގެ ހުރިހައި ރަށެއްގައި ކުރިއަށް ގެންގޮސްފި

ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ހިންގާ “ރަންވޭލާ” ކެމްޕޭންގެ ހަރަކާތްތައް ފ.އަތޮޅުގެ ހުރިހައި ރަށެއްގައި ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 11އިން 20އަށް ފ.އަތޮޅުގައި ކުރިއަށް ގެންދިޔަ މި ކެމްޕޭންގެ ތެރެއިން ދޮށީ އުމުރުގެ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމަށާއި، އެ ފަރާތްތަކަށް ބޭނުންވާ އަޅައިލުމާއި އެހީތެރިކަން ލިބޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށާއި، އެ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކެއް ފ.އަތޮޅުގެ ނިލަންދޫ، ދަރަނބޫދޫ، ފީއަލި، ބިލެއްދޫ އަދި މަގޫދޫގައި ހިންގިފައިވެއެވެ. މި ސެޝަންތަކުގައި ދޮށީ އުމުރުގެ 95 މީހުން ވަނީ ބައިވެރިވެފައެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން ފ.އަތޮޅު ހޮސްޕިޓަލާއި ހެލްތު ސެންޓަރުތައް ގުޅިގެން ހެލްތު ސްކްރީނިންގ ޕްރޮގްރާމްތަކެއް ވެސް ފ.އަތޮޅުގެ ހުރިހައި ރަށެއްގައި ހިންގިފައިވާއިރު، މި ޕްރޮގްރާމްތަކުގައި ދޮށީ އުމުރުގެ 133 މީހުން ސްކްރީނިންގ ކުރެވިފައިވެއެވެ.

މި ކެމްޕޭންގެ ތެރެއިން، ދޮށީ އުމުރުގެ މީހުންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި، އެ ފަރާތްތަކަށް ޒުވާނުންގެ ފަރާތުން ލިބޭ އެހީތެރިކަން އިތުރުކުރުމަށްޓަކައި ފ.އަތޮޅުގައި ހިންގި ޚާއްޞަ ސެޝަންތަކުގައި 149 ޒުވާނުން ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން، ވަރލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)ގެ އެހީތެރިކަމާއެކު މާރިޗު މަހުގެ 11އިން 15އަށް ފ.ނިލަންދޫގައި މިނިސްޓްރީން ހިންގި “ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޓްރޭނިންގ” ވޯކްޝޮޕްގައި ފ.އަތޮޅުގެ ޞިއްޙީ އަދި އިޖުތިމާޢީ 8 ޚިދުމަތްތެރިއަކު ތަމްރީނުކުރެވިފައިވެއެވެ.

ރަންވޭލާ ކެމްޕޭނަކީ 2016ވަނަ އަހަރުގެ އޮގަސްޓު މަހު މިނިސްޓްރީން އިފުތިތާހުކުރި ކެމްޕޭނެކެވެ. ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ހިންގުމަށް ރާވާފައިވާ މި ކެމްޕޭންގެ ހަރަކާތްތައް މިހާރު ވަނީ ބ.އަތޮޅާއި ޅ.އަތޮޅާއި ދ.އަތޮޅު އަދި މ.އަތޮޅުގެ ހުރިހައި ރަށެއްގައި ކުރިއަށް ގެންގޮސްފައެވެ.

04 ރަޖަބު 1439

21 މާރިޗު 2018

Leave a Reply

Your email address will not be published. Required fields are marked *