ނ. މަނަދޫގައި ޤާއިމުކުރި އަމާންވެށި ރަސްމީކޮށް ހުޅުވައި އެތަނަށް ކުދިން ބަދަލުކޮށްފި

ނ. މަނަދޫގައި ޤާއިމުކުރި އަމާންވެށި ރަސްމީކޮށް ހުޅުވައި، މެއި 24 ވީ އަންގާރަ ދުވަހު މަނަދޫ އަމާންވެއްޓަށް، ދައުލަތުގެ ބެލުމުގެ ދަށުން ފިޔަވަތީގައި ބަލަހައްޓަމުންދިޔަ 9 ކުއްޖަކު ވަނީ ބަދަލު ކޮށްފިއެވެ.  

ރާއްޖޭގެ 5 ސަރަހައްދެއްގައި މިހާތަނަށް ރަސްމީކޮށްވަނީ އަމާން ވެށިތައް ޤާއިމުކޮށްފައެވެ. އެއީ، ހއ. ދިއްދޫ އަމާންވެށި، ށ. ފުނަދޫ އަމާންވެށި، ނ. މަނަދޫ އަމާން ވެށި، ބ. އޭދަފުށި އަމާންވެށި އަދި ޏ. ފުވައްމުލަށް އަމާންވެއްޓެވެ. މީގެ އިތުރުން، 2022 ވަނަ އަހަރު ތެރޭގައި އިތުރު 3 ސަރަހައްދެއްގައި ރަސްމީކޮށް އަމާންވެށި ހުޅުވުމަށް ވަނީ ރޭވިފައެވެ.

ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުޑަކުއްޖަކު ވެސް ޢާއިލީ މާޙައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ޙާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގެއެވެ. އެހެން ނަމަވެސް، މިނިސްޓްރީން އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުމަށެވެ.                         

އަތޮޅު ތެރޭގައި ޤާއިމުކުރެވޭ މި ފަދަ އަމާން ވެށިތަކުގައި ކުދިން ބޮޑެތިވެގެންދާނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ އެ ކުދިންގެ ޢާއިލާގެ އެހެން ކުދިންނާއެކުގައެވެ. އަދި އެ ކުދިން ހުންނާނީ ރަށުގެ އެހެނިހެން ޢާއިލާތަކާ ވެސް ގުޅުވާ ދެވިފައެވެ.  

އަމާން ވެށިތަކުގައި ދިރިއުޅޭނީ ކަނޑައެޅޭ ވަކި އަދަދެއްގެ ކުދިންނެވެ. އެކަމުގެ ސަބަބުން އެކުދިންނަށް ބޭނުންވާ ޚާއްޞަ އަޅައިލުމާއި، ބޭނުންވާ ތަރުބިއްޔަތު ފުރިހަމަ ގޮތުގައި ދިނުމަށް އެހީތެރިވެދިނުމުގެ އިތުރުން ކޮންމެ ކުއްޖެއްގެ ވެސް ބޭނުންތައް ފުރިހަމައަށް ދެނެގަނެވިގެންދާނެއެވެ. އަދި މުޖުތަމަޢުގެ ތެރޭގައި އެ ކުދިން ބޮޑެތިވުމުގެ ފުރުޞަތު ލިބިގެން ދިޔުމުން، މުސްތަޤުބަލުގައި އެކި ޕްރޮގްރާމްތަކާއި ހުނަރުތަކުގެ އެހީގައި އެ ކުދިން ވަޒީފާގެ މާޙައުލަށާއި ޢާންމު ދިރިއުޅުމަށް ނުކުތުމަށް ފަހިވެގެންދާނެއެވެ. އަމާން ވެށި ތައް ޤާއިމުކުރުމަކީ ‘އޯގާތެރި ސަރުކާރު’ ގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

25 ޝައްވާލް 1443

26 މެއި  2022

Leave a Reply

Your email address will not be published. Required fields are marked *