ނޫސް ބަޔާން

ގ.ނީރުވީކް އަޙްމަދު ޙިޝާންއާ ގުޅުންހުރި، (މި ހިނގާ ފެބުރުވަރީ މަހުގައި 22 އަހަރު ފުރޭ) ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްގެ ޤާނޫނީ ބެލެނިވެރިކަމުގެ މައްސަލައެއް ދައުލަތުގެ މުއައްސަސާތަކުގެ ސަމާލުކަމަށް އައިސްފައިވަނީ 2017ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި ދެންނެވި މީހާއާ ގ.ނީރުވީކް އަޙްމަދު ޙިޝާންއާ ފުރަތަމަ ބައްދަލުވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވަނީ އެ އަހަރުގެ ޖަނަވަރީ މަހުގައެވެ.

2017ވަނަ އަހަރު މި ދެންނެވި މައްސަލަ ދައުލަތުގެ ސަމާލުކަމަށް އައިއިރު ވެސް މި މައްސަލައިގައި ހިމެނޭ މީހާއަށް 18 އަހަރު ފުރިފައިވާތީ، އެއިރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން (މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް) ނިންމާފައި ވަނީ އެހެން ވެސް ބޮޑެތި މީހުންނާ މެދު ޢަމަލުކުރާ އުސޫލުން އޭނާއާ މެދު ޢަމަލުކުރުމަށެވެ.

މި ދެންނެވި ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ މައްސަލަ ފުރަތަމަ ޝަރުޢީ ކޯޓަކަށް ހުށަހެޅިފައިވަނީ 2017ވަނަ އަހަރުގެ ތެރޭގައެވެ. އެ މައްސަލައަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ މަންމަ، އޭނާގެ އަމިއްލަ އިސްނެގުމުގެ މަތިން އޭނާގެ 18 އަހަރު ފުރިފައިވާ ދަރިފުޅުގެ ޤާނޫނީ ބެލެނިވެރިކަން ގ.ނީރުވީކް އަޙްމަދު ޙިޝާންއާ ޙަވާލުކުރުމަށް އެދި ފެމިލީ ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެއިރު ފެމިލީ ކޯޓުގައި ހިނގަމުންދިޔަ މައްސަލައާ ގުޅިގެން މި މިނިސްޓްރީން މި މައްސަލައިގައި ހިމެނޭ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ ޞިއްޚީ އަދި ނަފްސާނީ އެއްވެސް ބާވަތެއްގެ އެސެސްމެންޓެއް ހަދާފައެއް ނުވެއެވެ. ނަމަވެސް އެއިރު އޭނާއާ ގުޅޭގޮތުން މިމިނިސްޓްރީން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ނިންމާފައިވަނީ އޭނާއަކީ “އުމުރުން 18 އަހަރު ފުރިފައިވާ ފަރާތެއްކަމާއި، އޭނާއާ ގުޅޭގޮތުން ލިބިފައިވާ ޞިއްޙީ އަދި އެހެނިހެން މަޢުލޫމާތުން އޭނާއަކީ ތަސައްރަފު ނުފުދޭ މީހެއްކަން ފާހަގަކުރެވިފައިނުވާތީ، މިނިސްޓްރީގެ ފަރާތުން އޭނާއާމެދު ޢަމަލުކުރަމުންދާނީ 18 އަހަރު ފުރިފައިވާ އެހެނިހެން ފަރާތްތަކެކޭ އެއްގޮތަށެވެ.”. 2018ވަނަ އަހަރުގެ ޖުލައި މަހު މި މައްސަލައާ ގުޅޭ ބައެއް އިތުރު ކަންކަން ފެންމަތިވަފައިވީ ނަމަވެސް އެއިރު މި މައްސަލަ އިތުރަށް މުރާޖާކޮށްފައި ނުވާތީ، 18 އަހަރު ފުރިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިދެވޭ، އެ މީހެއްގެ އަމިއްލަ ކަންކަން އަމިއްލަ އިޚުތިޔާރުގައި ނިންމުމާއި އެ ފަދަ އެންމެހައި ޙައްޤުތަކާއި މިނިވަންކަން މިއަދާ ހަމައަށް ވެސް އޭނާއަށް އޮތީ ލިބިދީފައެވެ. އަދި އޭނާގެ މަންމަ ވެސް ހިމެނޭގޮތަށް ޢާއިލާގެ ރުހުމާއެކު އޭނާގެ އަމިއްލަ އިޚުތިޔާރުގައި ދިރިއުޅެމުން އަންނަނީ ގ.ނީރުވީކް އަޙްމަދު ޙިޝާން ދިރިއުޅޭ އެޕާޓުމެންޓުގައެވެ.

ނަމަވެސް މި އަހަރުގެ ފެބުރުވަރީ މަހު ގ.ނީރުވީކް އަޙްމަދު ޙިޝާންއާ ގުޅުންހުރި ސީރިއަސް މައްސަލަތަކެއް ފުލުހުން ތަޙުޤީޤު ފަށާފައިވާތީއާއި މަތީގައި ދެންނެވިފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހާގެ ވަށައިގެންވާ ކަންކަމާއި، އަދި އޭނާގެ ޙާލަތާ ގުޅޭގޮތުން މި ވަގުތު މި މިނިސްޓްރީގައި އެއްކުރެވިފައިވާ މަޢުލޫމާތުގެ މައްޗަށް ރިޢާޔަތްކޮށް، އޭނާއަކީ އަމިއްލަ އިޚުތިޔާރުގައި ކަންކަން ނިންމުމުގެ ގާބިލުކަން ލިބިފައިވާ މީހެއްތޯ ކަށަވަރުކުރުމަށް ޓަކައި ކުރަންޖެހޭ ފަންނީ ތަޙުލީލުތައް ކުރުމުގެ މަސައްކަތް ފުލުހުންގެ އެހީތެރިކަމާއެކު ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މި މިނިސްޓްރީން ކުރިއަށްގެންދާ ވާހަކަ މަޢުލޫމާތަށް ޓަކައި ދެންނެވީމެވެ. އަދި މި ވަގުތު އޭނާ ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައެވެ.

ސަރުކާރުގެ ސިޔާސަތަކީ ކުރީއްސުރެ ހިނގަމުން އަންނަ މި ފަދަ މައްސަލަތަކާ ގުޅޭ ގޮތުން ކުރިން ނިންމައިފައިވާ ނިންމުންތަކުގެ ސަބަބުން ޚާއްޞަ ރައްކާތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ނުވަތަ ޙައްޤަކަށް އުނިކަން ލިބޭކަން ފާހަގަކުރެވޭނަމަ، އެ މައްސަލައެއް އަލުން މުރާޖާކޮށް އިތުރަށް އަޅަންވާ ފިޔަވަޅެއް އޮތްނަމަ ލަސްނުކޮށް އެ ފިޔަވަޅެއް އެޅުން ކަމުގައި ވެސް މި ފުރުޞަތުގައި ދެންނެވީމެވެ.

11 ޖުމާދަލްއާޚިރާ 1441

05  ފެބުރުވަރީ  2020

Leave a Reply

Your email address will not be published. Required fields are marked *