ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، މުޖުތަމަޢު ތެރޭގައި ހަވާސާވެފައިވާ ބައެއްކަމަށް އެފަރާތްތަކަށް އިޙްސާސްކުރެވޭނެ ޖާގަ މިހާރަށްވުރެ ކުޑަކުރުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހިފައިވާ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވެއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ، މުޖުތަމަޢު ތެރޭގައި ހަވާސާވެފައިވާ ބައެއްކަމަށް އެފަރާތްތަކަށް އިޙްސާސްކުރެވޭނެ ޖާގަ މިހާރަށްވުރެ ކުޑަކުރުމަށް ޚާއްޞަ އިސްކަމެއް ދޭންޖެހިފައިވާ ކަމަށާއި، އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީވެސް މުޖުތަމަޢުގައި ޝާމިލްވެއުޅޭ ބަޔަކަށް ހެދުމަށް އެފަރާތްތަކުގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކުރުމާއި، ހަމަހަމަކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެއް ކަމުގައި  މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްވި ޚިޠާބުގައި އެކަމަނާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި އެފަރާތެއްގެ ކިބައިގައި ހުރި ހުނަރާއި ޤާބިލްކަމަށް ބަލައި އެކަށޭނެ ވަޒީފާތައް ދިނުމަށް ޙާއްޞަ ސަމާލުކަމެއްދީ އެފަރާތްތަކަށް ރައްކާތެރި އަދި އިޙްތިރާމް ލިބިގެންވާ މަސައްކަތުގެ މާހައުލެއް އުފެއްދުމަށް ބޭނުންވާކަމަށާއި، ޤައުމުގެ އިޤުތިޞާދީ ނާރެހުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ގޮތުން މަސައްކަތްތެރިކަމުގެ ބާޒާރުގައި ހުރި ތަފާތު ކުރުންތައް ނައްތާލުމަށް އެންމެހާ ފަރާތްތަކުން ބާރުއަޅާ މަސައްކަތްކުރަން ޖެހިފައިވާކަމަށެވެ. އަދި މި އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހަށް އދ އިން ކަނޑައަޅުއްވާފައިވާ “ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، ބައިވެރިވުން އިތުރުކުރުމާއި އަދި ހަމަހަމަކަން ކަށަވަރުކުރުން” މި ޝިޢާރުގެ ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ ތެރޭގައި އެހެންމީހުންނެކޭ އެއްހަމައެއްގައިވާ ފަރާތްތަކެއްކަމުގައި ބަލައިގަތުންކަމުގައިވެސް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ޚިޠާބުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން މިސަރުކާރުން ކުރުމަށް ރާވާފައިވާ މުހިއްމު މަސައްކަތްތައް ފާހަގަކޮށް، އެކަމަށްޓަކައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް އިބްރާހިމް މުޙައްމަދު ޞާލިހަށް ޝުކުރު ދެންނެވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ވަކާލާތުކޮށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުންނާއި ސަރުކާރުގެ ކުންފުނިތަކުންނާއި އިދާރާތަކުން މިހާރުވެސް ކުރައްވަމުންދާ މުހިއްމު މަސައްކަތްތައް ފާހަގަކޮށް އެފަރާތްތަކަށްވެސް އެކަމަނާ ވަނީ ޝުކުރު ދަންނަވާފައެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީގެ ފަރާތުން ދަނީ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި މިނިސްޓަރ ޝިދާތާ ޝަރީފް ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތައް ދިރިއުޅުއްވާ ގޭބިސީތަކަށް ޒިޔާރަތްކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، މި ދުވަސް ފާހަގަކުރުމުގެ ގޮތުން، މިއަދު ހަވީރު “ރަސްރަނި ބަގީޗާ” ގައި ޢާއިލީ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ބައެއް ރަށްތަކުގައި ހިނގާލުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

 

25 ރަބީޢުލްއައްވަލް 1440

03 ޑިސެމްބަރު 2018

Leave a Reply

Your email address will not be published. Required fields are marked *