ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ބ. އަތޮޅުގެ ތުޅާދޫގައި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ ފާހަގަކޮށްފި

ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ބ. އަތޮޅު ތުޅާދޫ ކައުންސިލްއާއި ޖަމިއްޔާތަކާއި ގުޅިގެން ހާއްސަ ހަރަކާތްތަކެއް މިއަދު ފަށާފިއެވެ. މި ހަރަކާތްތައް ފެށުމުގެ ގޮތުން ބ. ތުޅާދޫގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ، އަލްފާޟިލާ ޒެނީޝާ ޝަހީދް ޒަކީ އާއި، މޯލްޑިވްސްޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ އާއި އެއޮފީހުގެ މުވައްޒަފުން، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ވެރިންނާއި، ކަމާބެހޭ މުއައްސާތަކުގެ އިތުރުން، ބ. ތުޅާދޫގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުން ބައިވެރިވެވަޑައިގަތެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ޒެނީޝާ ދެއްކެވި ވާހަކަފުޅުގައި، “އުމުރުން ދުވަސްވީ މީހުންނަށް އަޅާލާ، އޯގާތެރި އަދި ރައްކާތެރި ވެއްޓެއް ބިނާކުރުމާރި، ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން މުޖުތަމަޢުގައި އިތުރުކޮށް، އެމީހުންނަށް މިނިވަންކަމާއި އުފާވެރިކަމާއެކު އުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މަސައްކަތްކުރުމުގެ މުހިންމުކަން” ފާހަގަކުރެއްވިއެވެ. އަދި މި މަޤްޞަދުގައި، އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ޚިދުމަތްތަކާއި ވަސީލަތްތައް ޤާއިމްކޮށްދީ، އެކަމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ފަށާފައިވާކަމާއި، ދޮށީއުމުރުގެ މީހުންގެ ޤައުމީ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތްތައް މިނިސްޓްރީ އޮފް ޖެންޑަރ އިން ފެމިލީ ފަށާފާވާކަމަށްވެސް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، އުމުރުން ދުވަސްވީ މީހުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށާއި މުޖުތަމަޢުގައި އެމީހުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރުމުގެގޮތުން މިނިސްޓަރ ޒެނީޝާ ވަނީ “އަގުވަޒަންކުރުން” މިނަމުގައި ޚާއްސަ ސޯޝަލް މީޑިއާ ކެމްޕެއިންއެއް އިފްތިތާޙްކުރައްވާފައެވެ. މި ކެމްޕެއިންއަކީ، ރަށު ފެންވަރާއި އަތޮޅު ފެންވަރާއި ޤައުމީ ފެންވަރުގައި އުމުރުންދުވަސްވީ މީހުން ކޮށްދެއްވާފައިވާ މަސައްކަތްތަކާއި އަދި މިހާރުވެސް ކުރަމުންގެންދާ މަސައްކަތްތަކާއި ޚިދުމަތްތައް ފާހަގަކުރުމުގެ ރޫހު އާލާކޮށް، އަގުވަޒަންކުރުމެވެ. އަދި މި ދުވަހުގެ މުނާސަބުގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި ބ. ތުޅާދު ކައުންސިލް އަދި ދެ އަމިއްލަ ޖަމިއްޔާކަމުގައިވާ ސިލްވަރޝައިން އަދި ތުޅާދޫ ސްޕޯޓްސް ކްލަބް ގުޅިގެން އެރަށުގައި ދިރުއުޅޭ އުމުރުން ދުވަސްވީ  މީހުންނާއި ޒުވާނުންނާއި އެއްކޮށް ބައިވެރިވެވޭނެ ކުޅިވަރު ހަރަކާތްތަކެއް ރަށުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

ބައިނަލްއަޤްވާމީ ދޮށީ އުމުރުގެ މީހުންގެ ދުވަހަކީ، އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކުރުމަށާއި އެމީހުންނަށް ކުރިމަތިވާ އެކި ކަންކަމާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ. ގެ އާންމު މަޖިލީހުން ފާސްކުރައްވާ، 1991 ވަނަ އަހަރުން ފެށިގެން ދުނިޔޭގައި ފާހަގަކުރަމުންދާ ދުވަހެކެވެ. މިއަހަރުގެ މިދުވަސް ޚާއްސަކޮށްފައިވަނީ، އުމުރުން ދުވަސްވީ މީހުންނާމެދު ސްޓީރިއޯޓައިޕްކުރުމާއި، އުމުރާ ގުޅޭގޮތުން ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށެވެ.

 01 އޮކްޓޯބަރ 2016

Leave a Reply

Your email address will not be published. Required fields are marked *