ދަރިން ތަރުބިއްޔަތުކުރުމުގައި މާމަ އަދި ކާފަގެ ދައުރާއި ގުޅޭ މަޢުލޫމާތު ސެޝަނެއް ބާއްވައިފި

ދަރިން ތަރުބިއްޔަތު ކުރުމުގައި މާމަ އަދި ކާފަގެ ދައުރާއި ގުޅޭ މަޢުލޫމާތު ސެޝަނެއް އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފިއެވެ.

ޔުނިސެފް އާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި ވަނީ ކުދިންގެ ދިރިއުޅުމުގައި ކާފަ އަދި މާމަ އަދާކުރާ ރޯލުގެ މުހިންމުކަމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.

އޭގެ އިތުރުން ކުދިންނާއި އެކު ވަގުތު ހޭދަކުރުމާއި، މާމަ އަދި ކާފަގެ ދިރިއުޅުމުގެ ތަޖުރިބާތަކާއި، އެމީހުން ބޭނުންކުރި ވަސީލަތްތަކާއި ގުޅޭ މައުލޫމާތުތައް ކުދިންނަށް ކިޔައިދީ އެ ތަޖުރިބާތައް ކުދިންނާއި ހިއްސާކުރުމުގެ ބޭނުންތެރިކަމާއި ގުޅޭގޮތުން ވެސް ސެޝަނުގައި ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ހަމައެއާއެކު ދަރިންނާއި މާމަ ނުވަތަ ކާފަ ދަރިންނާއި ދެމެދު އޮތް ޖީލުގެ ތަފާތުތަކާއެކު، ކުދިންނާއި ވާހަކަ ދައްކާ ގުޅުން ބަދަހިކުރާނެ ގޮތްތަކާއި ގުޅިގެން ވެސް ސެޝަނުގައި ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ބައިވެރިންގެ ޚިޔާލު ވެސް މަޝްވަރާކޮށްފައިވެއެވެ.

އޭގެ އިތުރުން ކުދިންނާއި މާމަ ނުވަތަ ކާފައާއި ދެމެދު އޮންނަ ގުޅުންތައް ހީނަރުވުމަށް ދިމާވާ ސަބަބުތަކާއި، އެކަން ކުޑަކުރުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން ވެސް މަޝްވްރާކުރެވިގެން ގޮސްފައިވެއެވެ.

އާއިލީ ދިރިއުޅެއް ކުދިންނަށް ހޯދުމުގައި ކުދިންނަކީ އާއިލީ ގުޅުންތަކުގެ ތެރެއިން، އެ ގުޅުންތަކުގެ ލޯބި ފުރިހަމައަށް ލިބިގެން ބޮޑުވާ ކުދިންނަށް ވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

އެކަމަށް އަހުލުވެރިކުރުމުގެ ގޮތުން އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ އާއިލީ ގުޅުން ބަދަހިކުރުމާއެކު، ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގައި މާމަ ނުވަތަ ކާފައަށް ބައިވެރިވެ ހިއްސާވެވިދާނެ ގޮތްތަކާއި ގުޅޭ މުހިންމު ގިނަ މައުލޫމާތުތަކެއް ހިއްސާކުރެވުނު ސެޝަނެއްގެ ގޮތުގައި ބައިވެރިން ފާހަގަކޮށްފައިވެއެވެ.