ފުރުޞަތުތައް ތަނަވަސްކޮށް ދޭ ނަމަ، ނުކުޅެދުންތެރިކަން ހުންނަ ކުދިން ވެސް އާދަޔާ ޚިލާފު ހުނަރުވެރި ބައެއްގެ ގޮތުގައި ފެނިގެން ދާނެ – މިނިސްޓަރ ޒެނީޝާ

އެހެންކުދިންނެކޭ އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ހުނަރުތައް ތަރައްޤީކުރުމަށް ފުރުޞަތުތައް ހޯދައި ދީ، ހުނަރުތައް ދައްކާލުމުގެ ފުރުޞަތުތައް ތަނަވަސްކޮށް ދޭ ނަމަ، އެ ކުދިންނަކީ ވެސް އާދަޔާ ޚިލާފު ހުނަރުވެރި ބައެއްގެ ގޮތުގައި ފެނިގެން ދާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން މޯލްޑިވްސް އޯޓިޒަމް ސެންޓަރުގައި އިންތިޒާމުކުރި އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ދައްކުވައިދޭ “އާޓް އޮފް މައިންޑް 2018” މައުރަޒު އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ކޮންމެ އަހަރަކު ވެސް އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމުކުރާ މައުރަޒުތަކުން އޯޓިޒަމް ހުންނަ ކުދިންގެ ހުނަރުވެރި މަސައްކަތްތައް ފެނިގެންދާކަމަށާއި، ހަމަ އެހެންމެ ބައިނަލްއަޤުވާމީ ބައެއް މުބާރާތްތަކުގައި ވެސް މި ކުދިން ކާމިޔާބީތައް ހޯދަމުން އަންނަކަމަށެވެ.

މިނިސްޓަރ ޒެނީޝާގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަމާ ގުޅޭ ގޮތުން މުޖުތަމަޢު ހޭލުންތެރިވެފައިވާ މިންވަރު އިތުރުވަމުން ދިޔަކަމުގައިވިޔަސް، އެ ކުދިންގެ ހުނަރުތައް ތަރައްޤީކޮށް، ޢާއިލާތަކަށް ހިތްވަރު ދީ، ކުދިންނަށް ތަފާތު ފުރުޞަތުތައް ހޯދައިދިނުމަށް މުޖުތަމަޢުގެ ދައުރު މިހާރަށް ވުރެ ފުޅާކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި އެކި މުއަސަސާތަކާއި، ކުންފުނިތަކާއި، ޖަމުޢިއްޔާތަކާއި ފަރުދުންގެ ބައިވެރިވުން ޢަމަލީ ގޮތުން އިތުރުކުރުމަށް އެ ކަމަނާ އިލްތިމާސްކުރެއްވިއެވެ.

މިނިސްޓަރ ޒެނީޝާ ވިދާޅުވިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކައުތެރިކޮށް، ކުރިއެރުވުމަކީ ސަރުކާރުން ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އަދި އެ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، ބާރުވެރިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް އެ ކަމަނާ ވިދާޅުވިއެވެ. މި ގޮތުން މި ދާއިރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާތަކާއެކު މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ.

06 ޛުލްޤަޢިދާ 1439

19  ޖުލައި  2018

 

Leave a Reply

Your email address will not be published. Required fields are marked *