މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއަށް މަސައްކަތްކުރާ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ނަޒަރެއް!

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރެވޭ މުހިންމު އެއް މަސައްކަތުގެ ތެރޭގައި ދެ ޖިންސުގެ ހަމަހަމަކަން ކަށަވަރުކުރުމަށް ކުރެވޭ ގިނަ މަސައްކަތްތަކެއް ހިމެނެއެވެ.

މިގޮތުން “ޖިންސުގެ ހަމަހަމަކަން” ނުވަތަ “މިންތީގެ ހަމަހަމަ” ކަމަކީ، އަންހެނުންނަށާއި ފިރިހެނުންނަށް، ފުރުޞަތުތައް ލިބުމުގެ ހަމަހަމަކަމަށާއި، ފުރުޞަތުތަކަށް ވާޞިލުވުމުގެ ހަމަހަމަކަމަށާއި، ފުރުޞަތުތަކުން ނަތީޖާ ޙާޞިލުކުރުމުގެ ހަމަހަމަކަމަށާއި، ޙައްޤުތަކާއި މިނިވަންކަމުގެ ފުރިހަމަ މަންފާ ހޯދޭފަދަ މަޢުނަވީ ހަމަހަމަކަން ހާސިލްކުރުމެވެ. އެހެންކަމުން މި ޤާނޫނުގެ ދަށުން މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ ކޮމިޓީއެއް ކޮންމެ އޮފީހެއްގައި އެކުލަވާލަންވާނެއެވެ.

އަދި ހަމަ އެފަދައިން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން، ވަޒީފާ އަދާކުރާ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފަކާމެދު ވަޒީފާދޭ ފަރާތުން ނުވަތަ އެ ތަނުގައި މަސައްކަތްކުރާ އެހެން ފަރާތަކުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގައިފިނަމަ، އެޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވެއެވެ. އަދި 30 މުވައްޒަފުން ހިމެނޭ ކޮންމެ އޮފީހެއްގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އެކުލަވާލާފައި ހުންނަންވާނެއެވެ.

އެހެންކަމުން، މިންތީގެ ހަމަހަމަކަން ގެއްލޭފަދައިން އެއްވެސް ފަރާތަކުން ކަމެއް ކޮށްފިކަމުގައިވަނީ ނަމަ، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މަސައްކަތްކުރާ ކޮމިޓީއެއް މައްސަލަ ހުށަހެޅުމުގެ ޙައްޤު ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ. އަދި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމުގެ ޢަމަލެއް ހިންގައިފިނަމަ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީއަށް މައްސަލަ ހުށަހެޅުމުގެ ޙައްޤުވެސް ލިބިގެންވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި “އަންހެން މުވައްޒަފުންނަށް ރައްކާތެރި، ޤަދަރުވެރި އަދި ހަމަހަމަ މަސައްކަތުގެ މާޙައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި ޤާނޫނީ އޮނިގަނޑަށް އިޞްލާޙު ހުށަހެޅިގެން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ދައުލަތުގެ ސިޔާސަތުތަކުގެ ތެރެއިން އަންހެނުން އަދި އަންހެން މުވައްޒަފުން ބާރުވެރިކުރުވާ، މުވައްޒަފުންނަށް ރައްކާތެރި، ޤަދަރުވެރި އަދި މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް އެކަށައަޅާފައިވާ ޤާނޫނުތައް މުރާޖަޢާކުރެވި، ޤާނޫނުތަކަށް ދަނީ ބަދަލުތައް ގެންނަމުންނެވެ.

ޤާނޫނީ ދާއިރާގެ ތެރެއިން ކުރާ މަސައްކަތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ހުށަހެޅޭ މައްސަލަތަކުގައި އަވަސް ފިޔަވަޅުތަކެއް އެޅޭނޭ އިންތިޒާމު ހަމަޖައްސައި، އިންސާފު ޤާއިމްކޮށްދީ، ޤާނޫނު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް މަސައްކަތްކުރުން އެއީ އެ ވުޒާރާގެ އެންމެ ބޮޑު އެއް އަމާޒެވެ.

އެއާއެކު މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހައްގުތައް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތައް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.