އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކ. ގާފަރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މުޅިން އަލަށް ވަޒީފާއަށް ނިކުންނަން ބޭނުންވެފައިވާ ފަރާތްތަކުގެ ފަންކްޝަނަލް އެސެސްމަންޓް ހަދައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކ. ގާފަރުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މުޅިން އަލަށް ވަޒީފާއަށް ނިކުންނަން ބޭނުންވެފައިވާ ފަރާތްތަކުގެ ފަންކްޝަނަލް އެސެސްމަންޓް ހަދައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގާފަރަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ ބޭނުންވެފައި ތިބި ފަރާތްތަކެއް ތިބިކަން ވަނީ ދެނެގަނެވިފައެވެ.

އަދި އެފަހުން ގާފަރު ކައުންސިލާއެކު ކުރެވުނު މަސައްކަތްތަކުން، އެ ކައުންސިލުން ވަނީ ގާފަރުގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

ގާފަރު ކައުންސިލުން ހިއްސާކުރި އެ މައުލޫމާތުތަކުގެ މައްޗަށް ބަލައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މުޅިން އަލަށް ވަޒީފާއަށް ނިކުންނަ ބޭނުންވާ ހުރިހާ ފަރާތްތަކުގެ ފަންކްޝަނަލް އެސެސްމެންޓު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހަދާފައިވާއިރު، މިފަދަ އެސިސްމަންޓެއްގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި، އެފަރާތްތަކުގެ ބޭނުންތަކާއި، ޢާއިލީ ހާލަތުގެ އިތުރުން، ވަޒީފާދޭ ފަރާތްތަކުން ބޭނުންވާނެ އިތުރު މަޢުލޫމާތު ހިމެނޭ ޑޮކިއުމެންޓެއް ތައްޔާރުކުރުމެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ވެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި ފަންކްޝަނަލް އެސެސްމެންޓް ހެދުމަށް ކުރެއްވި ދަތުރުގައި އެވުޒާރާއިން ވަނީ ރަށު ކައުންސިލާއި ކަމާގުޅުންހުރި އިދާރާތަކާއި، ވިޔަފާރިވެރިންނާއި ވެސް ބައްދަލުކުރައްވާފައެވެ.

މިގޮތުން މިފްކޯއާއި ސްޓެލްކޯގެ އިތުރުން، ރަށުގެ ހެލްތް ސެންޓަރާއި ވެސް ބައްދަލުކުރައްވާފައިވެއެވެ. މީގެ އިތުރުން، ރަށުގެ ދެ އެން.ޖީ.އޯއެއް ކަމަށްވާ ފިއުޗަރ އެކެޑަމީއާއި ގާފަރު ޔޫތު ކްލަބާއެކުވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ބައްދަލުވުންތަކުގައި އެ ވުޒާރާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަށު ލެވެލްގައި ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ މަޝްވަރާތައް ކޮށް، މުޖުތަމަޢުގެ ކޮންމެ ކަމެއްގައިވެސް އެފަރާތްތައް ބައިވެރިކޮށް، އެހެން ފަރާތްތަކެކޭ އެއްފަދައިން ހަމަހަމަ ފުރުޞަތުތައް ކަށަވަރުކޮށްދިނުމަށް، ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.