ބ. ފުޅަދޫގައި އިސްރަށްވެހިންނަށް އަމާޒުކޮށްގެން “އުފާވެރި ރާސްތާ” ޕްރޮގްރާމް ބާއްވައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބ. ފުޅަދޫގެ ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީއާއެކު އިސްރަށްވެހިންނަށް އަމާޒުކޮށްގެން ބ. ފުޅަދޫގައި “އުފާވެރި ރާސްތާ” ޕްރޮގްރާމް މިއަދު ބާއްވައިފިއެވެ.

މި ޕްރޮގްރާމުގައި ޖުމްލަ 30 ބައިވެރިން ބައިވެރިވެފައިވެއެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމެވެ. މި ޕްރޮގްރާމުގައި މައިންބަފައިން ބަލަހައްޓަމުން ގެންދާ ފަރާތްތައްވެސް ވަނީ ބައިވެރިވެފައެވެ.

އުފާވެރި ރާސްތާ ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުން ފާހަގަކުރިގޮތުގައި މި ޕްރޮގްރާމުގެ ތެރެއިން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ، ރަނގަޅު އާދަތައް އަށަގެންނެވުމުގެ މުހިންމުކަން ދަސްވެގެންދިޔައެވެ.

އަދި ފަރުވާތެރިކަމާއެކު އެކި ކަންކަމަށް ދުވަހުގެ ވަގުތުތައް ބަހާލައި، އިންތިޒާމުކުރަންވެސް ދަސްވިއެވެ. މީގެ އިތުރުން، ބައިވެރިން ފާހަގަކުރީ، ޞިއްޙަތަށް ގެއްލުންހުރި ކާނާއިން ދުރުހެލިވުމަށްޓަކައި ކުރީބައިގައި ކާނާ ތައްޔާރުކުރުމުގެ މުހިންމުކަން އެނގި، ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ފައިދާހުރި އިރުޝާދުތަކެއް ލިބުންކަމަށެވެ.