ށ.އަތޮޅުގެ އިބަމަ ތަމްރީނުގައި ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރުމުގެ ފިޔަވަހި ނިމިއްޖެ

ށ.އަތޮޅު ކައުންސިލުގެ އިސްނެގުމާއެކު މި ވުޒާރާއިން ށ.އަތޮޅުގެ އިޖުތިމާއީ ބަދަހި މަދަދުވެރިންނަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރުމުގެ ފިޔަވަހި މިއަދުވަނީ ނިމިފައެވެ.

މި ތަމްރީން ޕްރޮގުރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ށ.އަތޮޅު ކައުންސިލާއި އަދި ށ. އަތޮޅުގެ ހުރިހާ ރަށްރަށުގެ މުވައްސަސާތަކުން ދެއްވާފައިވާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.

މި ޕްރޮގްރާމްގައި ދެން ކުރިއަށްދާނީ ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ ހާލަތު ވަޒަންކޮށް، ހާލަތު ރަނގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭންތައް އެކުލަވާލުމުގެ މަރުހަލާއެވެ.

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ. މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުގެ ޙާލަތު ވަޒަންކުރާނެ ގޮތާއި، ޙާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ވެސް ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.