ށ. އަތޮޅުގައި ކުރިއަށްދާ އިބަމަ ތަމްރީނު ޕްރޮގްރާމްގެ މެޕިންގް މަރުހަލާ ފަށައިފި

ށ. އަތޮޅުގައި ކުރިއަށްދާ އިބަމަ ތަމްރީނު ޕްރޮގްރާމްގެ މެޕިންގް މަރުހަލާ ފަށައިފިއެވެ.

މިހާތަނަށް މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ށ. އަތޮޅުގެ 6 ރަށެއްގައެވެ. އެއީ ށ. އަތޮޅުގެ ކަނޑިތީމާއި، ޅައިމަގާއި، ނޫމަރާއާއި، މަރޮށިއާއި، ކޮމަންޑޫއާއި ބިލެއްފަހީގައެވެ.

އަތޮޅުގެ ބާކީ ހުރި ރަށްރަށުގައިވެސް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމުގެ ސަބަބުން އަތޮޅުގެ ކޮންމެ ރަށެއްގައިވެސް ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އެހީތެރިވެދިނުމަށް ޚާއްޞަ ޕްލޭނެއް އެކުލަވާލެވި، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މުޖުތަމަޢުގައި ތިބި ނާޒުކު ހާލަތުގައިވާ ފަރާތްތަކަށް އެހީތެރިވެ، އެމީހުންގެ ދިރިއުޅުން ފަހިކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެވެސް ޒިންމާއެކެވެ.

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ. މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުގެ ޙާލަތު ވަޒަންކުރާނެ ގޮތާއި، ޙާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ވެސް ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.