މުޖުތަމަޢުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ތިބޭ ޚިދުމަތްތެރިންނަކީ އޯގާތެރިކަމާއި އަޅާލުމާއިއެކު، ރައްޔިތުންނާއި ގުޅިގެން، ގާތުން ޚިދުމަތްދޭ ބަޔަކަށް ހެދުމުގެ ގޮތުން މިވުޒާރާގެ މުވައްޒަފުންނަށް ސިލްސިލާ ތަމްރީނު ޕްރޮގްރާމެއް ފަށައިފި.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަކީ ރައްޔިތުންނާއި ގުޅިގެން، ގާތުން ޚިދުމަތް ފޯރުކޮށްދީ، ރައްޔިތުންގެ އުނދަގޫތައް ދެނެގަނެ، އެކަންކަން ހައްލުކޮށްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ވުޒާރާއެކެވެ. މި އަމާޒު ހާސިލު ކުރުމަށްޓަކައި، މިވުޒާރާގެ ފަރާތުން ޚިދުމަތްދޭ ކޮންމެ ޚިދުމަތްތެރިއަކީވެސް އޯގާތެރި، ކުލުނުވެރި، މުޢާމަލާތްކުރުމުގައި އެހެން މީހުންގެ ޙާލަތު ދެނެގަންނަ ބަޔަކަށްވުން ވަރަށް މުހިންމެވެ. މިގޮތުން މެއި މަހުގެ 13 އިން 18 އަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމުގައި މިކަންކަމަށް ބައިވެރިން އިތުރަށް އަހުލުވެރިކުރުވުމަށް ވަނީ ވަރަށް ބޮޑު އަޙައްމިއްޔަތެއް ދީފައެވެ. އަދި އިއްޔެ ނިމުނު މި ތަމްރީން ޕްރޮގްރާމްއަކީ ސިލްސިލާކޮށް ކުރިއަށްގެންދާނެ ޕްރޮގްރާމެކެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެފައިވަނީ މި ވުޒާރާގެ ތިން ޓީމަކުންނެވެ. އެއީ ޕްރިވެންޝަން ޓީމާއި، ސްޓޭޓް ކެއަރ ޓީމް އަދި ‘ހާލު ކިހިނެއް؟’ މި ޕްރޮގްރާމުގައި ބައިވެރިވާ ޓީމެވެ. ޕްރިވެންޝަން ޓީމުގެ މައިގަނޑު މަސައްކަތަކީ މުޖުތަމަޢުގައި ނޭދެވޭ ކަމެއް ވުމުގެ ކުރިން އެކަމެއް ވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. ހަމަމިއާއެކު، މުޖުތަމަޢުގައި ހަވާސާކުރެވިފައިވާ ފަރާތްތަކާއި، އެފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، ބޭނުންވާ އެހީތަކަން ފޯރުކޮށްދިނުމެވެ. ސްޓޭޓްކެއަރ، މި ޑިޕާޓްމަންޓަށް މަތިކުރެވިފައިވާ އެންމެ ބޮޑު ޒިންމާއަކީ އަތޮޅުތަކުގައި ހުރި މިވުޒާރާގެ ފެމިލީ ސެންޓަރުތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް މެދުކެނޑުމެއް ނެތި ގާތުން ބަލާ، ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. މި ދެ ޓީމުގެ އިތުރުން، މި ތަމްރީނުގައި މިވުޒާރާއިން އަލަށް ފައްޓާ ‘ހާލު ކިހިނެއް؟’ ޕްރޮގްރާމުގައި ހަރަކާތްތެރިވާ ފަރާތްތައްވެސް ބައިވެރިވެފައިވެއެވެ. ހާލު ކިހިނެއް ޕްރޮގްރާމަކީ ގޭގެއަށް ޒިޔާރަތްކޮށް ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ޢާއިލާތަކުގެ ޙާލަތު ދެނެގަތުމަށް މިވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. ގޭގެއަށް ޒިޔާރަތްކުރާ ޓީމުތަކުން އެއްކުރާ މަޢުލޫމާތުތަކުގެ އެހީގައި، އެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަން އަވަސްކަމާއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އިދާރީ ޓީމަށްވެސް މުހިންމު ހުނަރުތަކެއް އުނގެނުމުގެ ފުރުޞަތު މި ތަމްރީނު ޕްރޮގްރާމުންވަނީ ފަހިކޮށްދީފައެވެ.

މި ތަމްރީނު ޕްރޮގްރާމު ހިންގުމުގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުންގެ ޙާލަތު ދެނެގަނެ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތްތެރިންނަކީ، އެޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އޯގާތެރިކަމާއި، ކުލުނުވެރިކަމާއި، އެހީތެރިވުމުގެ އެދުން އެންމެ ފުރިހަމަ މާނައިގައި އޮވެ، އެކަމަށް ހެޔޮހިތުން ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްކުރާ ބަޔަކަށްހެދުމެވެ. އަދި މި މަސައްކަތްކުރުމުގައި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި މުޢާމަލާތުކުރުމުގައި ބޭނުންކުރެވޭނެ އެންމެ ރިވެތި އުސޫލުތަކާއި އާދަތަކަށް މި ވުޒާރާގެ ޚިދުމަތްތެރިން އަހުލުވެރިކުރުވުމެވެ. މި ތަމްރީނު ޕްރޮގްރާމްގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި މުޖުތަމަޢުގެ އެހެން ފަރާތްތަކާއި ގުޅިގެން، ދިމާވާ އެކި ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރެވޭނެ އެންމެ ރަނގަޅު ގޮތްތަކަށްވެސް ވަނީ ބައިވެރިން އަހުލުވެރިކުރުވާފައެވެ.

އަދުގެ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަކީ ރައްޔިތުންނަށް ދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ވުޒާރާއެކެވެ. މިގޮތުން މިއަދު ނިމުނު ތަމްރީނު ޕްރޮގްރާމުގެ އިތުރުންވެސް މުޖުތަމަޢުގައި ހަވާސާވެ ނިކަމެތިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް، އަދި އޯގާތެރި ކުލުނުވެރި މުޖުތަމަޢެއް ބިނާކުރުމަށް، ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ތިބޭ މި ވުޒާރާގެ މުވައްޒަފުންނަކީ، އެފަރާތްތަކުން ކުރާ މަސައްކަތަށް އެންމެ ޤާބިލް، އެހީތެރި އަދި ނަތީޖާ ނެރޭ ބަޔަކަށް ހެދުމަށް އެހެނިހެން ތަމްރީނުތައްވެސް ވަނީ ކުރިއަށް ގެންދެވިފައެވެ. މިގޮތުން ކޮންމެ ރަށެއްގައިވެސް ދިރިއުޅޭ ޢާއިލާތަކަށް އެހީތެރިވުމަށް، ރަށުގެ އެހެން މުއައްސަސާތަކާއި ގުޅިގެން، މި ވުޒާރާގެ ބެލެނިވެރިކަމުގެ ދަށުން އެކުލަވާލައިފައިވާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ޓީމުތަކަށްވެސް އިތުރު ތަމްރީނު ޕްރޮގްރާމުތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހަމަމިއާއެކު، ވުޒާރާގެ އެހެނިހެން މަސައްކަތްކުރަމުން އަންނަ މުވައްޒަފުންގެ ހުނަރުތަކާއި ޤާބިލިއްޔަތު އިތުރަށް ތަރައްޤީކޮށް، ރައްޔިތުންނަށް އަވަސްކަމާއި، ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދޭނެ ހީވާގި، އޯގާތެރި، ޚިދުމަތްތެރިން ބިނާކުރުމުގެ ގޮތުން މި ވުޒާރާގެ މުވައްޒަފުންނަށް މި މަހުގެ ތެރޭގައި ތަމްރީން ޕްރޮގްރާމެއްވަނީ ކުރިއަށް ގެންދެވިފައިވެއެވެ. މިފަދަ ކޮންމެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު މަޤުޞަދަކީ މި ވުޒާރާއަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ، އޯގާތެރި ޚިދުމަތްތެރިންތަކެއް ތިބި ވުޒާރާއަކަށް ހެދުމެވެ.

19    މެއި 2024

11 ޛުލްގައިދާ 1445