2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ރަސްމިއްޔާތު ބާއްވައި، ރިވެލި ތަރި އެވޯޑް ދީފި

2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ރަސްމީ ޖަލްސާ ބައްވައި، މި ޖަލްސާގައި 9 ފަރާތަކަށް ރިވެލި ތަރި އެވޯޑް ދީފިއެވެ. 2023 ޖަނަވަރީ މަހުގެ 5 ވަނަ ދުވަހުގެރޭ ރ. އަލިފުށީ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރިވެލި ތަރި އެވޯޑް ހާސިލްކޮށްފައިވާ ފަރާތްތަކަށް އެވޯޑް ދެއްވީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ. މި ހަފްލާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފުތަރުގެ ޑިޖިޓަލް ޕޯޓަލް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިފްތިތާޙްކޮށްދެއްވިއެވެ. މި ދަފްތަރަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މަޢުލޫމާތު ފެސޭހައިން އަދި ރައްކާތެރިކަމާއެކު ބެލެހެއްޓޭގޮތަށް ޤާއިމްކޮށްފައިވާ ޑިޖިޓަލް ރަޖިސްޓްރީއެކެވެ.

ރިވެލި ތަރިއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ރިވެލި މައުރަޒުގައި ބައިވެރިވެ އެކި ދާއިރާތަކުން ވަނަ ހޯދާފައިވާ ފަރާތްތަކަށް ދެވޭ ޚާއްސަ އެވޯޑެކެވެ. މި އެވޯޑްގެ މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމެވެ.

18 އަހަރުން ދަށުގެ އުމުރުފުރާއިން 2022 ވަނަ އަހަރުގެ ރިވެލި ތަރި ހާސިލްކޮށްފައިވަނީ:

  • އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއިން މުޙައްމަދު ދަރްވީޝް ޝަޒީނު، ހ. ހުވަދޫ / މާލެ،
  • އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިން ޢާއިޝަތު ޔަމްނާ މުޙައްމަދު، ހީނާމާގެ / މ. މުލައް،
  • ކުރެހުމުގެ ދާއިރާއިން އާމިނަތު މިޝްޔާ މަމްދޫޙް ޙަމްދުﷲ، މ. ބަބުކެޔޮގަސްދޮށުގެ / މާލެ، އަދި
  • ކާބޯތަކެތި ތައްޔާރުކުރުމުގެ ދާއިރާއިން ފާޠިމަތު ޝަފަޤް، ރެޑިއަމުގެ / ތ. ވިލުފުށިއެވެ.

18 އަހަރުން މަތީގެ އުމުރުފުރާއިން 2022 ވަނަ އަހަރުގެ ރިވެލި ތަރި ހާސިލްކޮށްފައިވަނީ:

  • އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއިން ޙަސަން ޤާސިމް، ބޮކަރުމާގެ / ރ. އަލިފުށި،
  • އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިން ސާމިޔާ އާދަމް، ރެޑިއަމްގެ / ހދ. ކުޅުދުއްފުށި،
  • ކުރެހުމުގެ ދާއިރާއިން ޙަސަން ޝާޒްލީ، މާކޯނި / ގދ. ތިނަދޫ، އަދި
  • ކާބޯތަކެތި ތައްޔާރުކުރުމުގެ ދާއިރާއިން އާމިނަތު ޖިހާދާ، ތަރިކަ / ސ. މަރަދޫފޭދޫއެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ޢާއިޝަތު އާދަމް، އޮޅުމަސްގެ / ރ. އަލިފުށިވަނީ ހިތްވަރު ދިނުމުގެ ހަނދާނީ ލިޔުން ހޯދާފައެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް މުޖްތަމަޢުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ފުރިހަމައަށް ޝާމިލްވެވޭނެ މާޙައުލެއް ޤާއިމްކުރުމަށް ބާރުއަޅައި، މިހާރަށްވުރެ ބޮޑަށް އެފަދަ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތް ކުރުމެވެ.

 

13 ޖުމާދަލްއާޚިރު 1444

5 ޖަނަވަރީ 2023

Leave a Reply

Your email address will not be published. Required fields are marked *