“ޢާއިލީ ގުޅުން ބަދަހިކުރުމުގައި ފިރިހެނުންގެ ޙިއްސާ” ޕްރޮގްރާމް އިފްތިތާޙުކޮށްފި

“ޢާއިލީ ގުޅުން ބަދަހިކުރުމުގައި ފިރިހެނުންގެ ޙިއްސާ” މި ސުރުޚީގެ ދަށުން ފިރެހެނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށްގެންދަން ހަމަޖެހިފައިވާ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ 15 މޭ 2022ގެ ހެނދުނު ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެގްޒިބިޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކުރިއަށްގެންދަން ރާވާފައިވާ މި ޕްރޮގްރާމަކީ ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދަން ރާވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވޭ ސެޝަންތައް އަމާޒުކުރެވޭނީ ހަމައެކަނި ފިރިހެން ބޭފުޅުންނަށެވެ. އެންމެ ފުރަތަމަ އަމާޒަކީ ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި އޮފީސްތަކުގައި މަސައްކަތްކުރައްވާ ވީހާވެސް ގިނަ ފިރިހެން ބޭފުޅުންނަށް މި ސެޝަންތައް ކުރިއަށްގެންދިއުމެވެ. ސެޝަންތައް ކުރިއަށްގެންދިއުމަށް ގަސްތުކޮށްފައިވަނީ އޮފީހުގެ މަސައްކަތަށް ދަތި ނުވާނެ ގޮތަކަށް ބަލައިގެން ރަސްމީ ގަޑީގައި ސެޝަންތައް އިންތިޒާމްކޮށްގެންނެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވޭ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވޭނީ ޢާއިލީ ގުޅުންތައް ހީނަރުވާން މެދުވެރިވާ ސަބަބުތަކާއި، އަދި އެ ސަބަބުތައް ނައްތާލައި ޢާއިލީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ. ވަކިން ޚާއްޞަގޮތެއްގައި ޢާއިލީ ގުޅުން ބަދަހިކުރުމުގައި ފިރިއެއްގެ ޙައިސިއްޔަތުން ނުވަތަ ބައްޕައެއްގެ ޙައިސިއްޔަތުން ނުވަތަ ބޭބެއެއްގެ ޙައިސިއްޔަތުން ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މި ސެޝަންތަކުގައި ޚިޔާލު ބަދަލުކުރެވި މަޝްވަރާކުރެވިގެންދާނެއެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ހުރިހާ ރަށެއްގައިވެސް މި ޕްރޮގްރާމް ކުރިޔަށްގެންދިއުމަށް ރާވައި،  އެކަން ކުރާނެ ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތްވެސް އަންނަނީ ރާވަމުންނެވެ. ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ އިތުރުން އެހެން ދާއިރާތަކުގައި މަސައްކަތްކުރައްވާ ފިރިހެން ބޭފުޅުންނަށްވެސް މި ސެޝަންތައް ކުރިއަށްގެންދިއުމަކީ މިނިސްޓްރީގެ އަމާޒެކެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ބައިނަލްއަގްވާމީ ޢާއިލާތަކުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައި، ޢާއިލީ ގުޅުންތައް ހަރުދަނާކޮށް، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ދެމަފިރިން ހަމަހަމައަށް ޙިއްސާވުން މުހިންމުކަން ފާހަގަކުރައްވައި، ކުދިން ތަރުބިއްޔަތުކުރުމާއި ގޭތެރޭގެ މަސައްކަތްތަކުގައި ފިރިހެނުން ޙިއްސާވާ މިންވަރު އިތުރުވާނީ އެކަމަށް ހުރަސްއަޅާ ވިސްނުމާއި، ޢަމަލުތައް ނައްތާލެވިގެންކަމަށް ވިދާޅުވިއެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ ދުޅަހެޔޮ، އުފާވެރި އަދި ބަދަހި ޢާއިލާތަކެއް ބިނާވެފައިވުމަކީ އޭގެ ސަބަބުން މަސައްކަތަށް އަދި މަސައްކަތްތެރިންނަށް ފައިދާކުރާނޭ ކަމެއްކަމަށާއި އޭގެ ސަބަބުން ހިތްހަމަޖެހޭ އަދި އުފެއްދުންތެރި މަސައްކަތުގެ މާޙައުލެއް ބިނާވެ އަދި އުފާވެރި މުޖުތަމަޢުއެއްވެސް އުފެދިގެންދިއުމަށް ބާރަކަށްވެގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމްގެ ތަޢާރަފް ދެއްވަމުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ އިތުރުން އެހެން ދާއިރާތަކުގައި މަސައްކަތްކުރައްވާ ފިރިހެން ބޭފުޅުންނަށްވެސް މި ސެޝަންތައް ކުރިއަށްގެންދިއުމަކީ އަޅުގަނޑުމެންގެ އަމާޒުކަމާއި، މިގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން ސެޝަންތައް ކުރިއަށްގެންދިއުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާއެކު މަޝްވަރާކުރަމުންދާކަމަށް ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ނަގާދީފައިވަނީ އެޗް.ޑީ.ސީގެ މުވައްޒަފުންނަށެވެ.

 

15 ޝައްވާލް 1443

16 މެއި  2022

Leave a Reply

Your email address will not be published. Required fields are marked *