ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް މަޝްރޫޢުގެ ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، އަދި ޖަޕާން ސަރުކާރުން ދޭ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފި

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ހިންގާ “ސްޓްރެންތަނިންގ ޖެންޑަރ އިންކްލޫސިވް އިނީޝިއޭޓިވްސް” މަޝްރޫޢު ކުރިއަށްގެންދިއުމަށް އެ ބޭންކުން ދޭ 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި ޖަޕާނު ސަރުކާރުން ދޭ 2.5 މިލިއަން ޑޮލަރުގެ ފަންނީ އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން ސޮއިކޮށްފައިވަނީ މިކަމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސް ގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. 

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓަރ ޑރ. ތިއާމް ހީ އެން.ޖީއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އޭޑީބީގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން ގެވެށި އަނިޔާގެ ޝިކާރައަށްވާ އަންހެނުންނާއި ޢާއިލާތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާގެ މިންވަރު ދަށްކުރުމަށާއި، އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިނިސްޓަރ ވަނީ  މި ޚާއްސަ މަޝްރޫޢުގެ އެކި މަސައްކަތްތަކުގައި ޝާމިލުވާ އޭޝިއަން ޑިވެލޮޕްމަންޓް ބެންކާއި، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ އަދި  މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވައި އެ ހުރިހާ ފަރާތްތަކަށް  ޝުކުރު އަދާކުރައްވާފައެވެ. އޭޑީބީގެ އެހީގައި ހިންގާ މި މަޝްރޫޢަކީ މައިގަނޑު ފަސް ނަތީޖާއެއް ޙާސިލްކުރުމަށް އަމާޒުހިފައިގެން 05 އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ލަނޑުދަނޑިތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަސް ކަމަކީ މިންތީގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމާއި، ޖެންޑަރ

ރެސްޕޮންސިވް ބަޖެޓިންގ ތަޢާރަފްކޮށް، ބަޖެޓް އެކުލަވާލާއިރު ޖެންޑަރ ރެސްޕޮންސިވް ބަޖެޓެއް ތައްޔާރު ކުރަން މުވައްޒަފުން ތަމްރީން ކުރުމާއި، އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ދާއިރާގެ ޤާބިލްކަން އިތުރުކުރުމާއި، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް މަދުކޮށް އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ތިން އަމާން ހިޔާ ނުވަތަ ‘ސޭފް ހޯމް’ ޤާއިމުކުރުމެވެ. މި ތިން އަމާން ހިޔާ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ރ. އަތޮޅާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެގައެވެ.

ކުޑަކުދިންނާއި، އަންހެނުންނާއި، ދޮށީ ޢުމުރުގެ މީހުންނާއި އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ އިތުރުން ނާޒުކު ޙާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ޙައްޤަކަށް އުނިކަން ލިބިގެން ނުވަތަ ހާނިއްކައިގެ ޝިކާރައަކަށް ވެގެން ހުށަހެޅޭ މައްސަލަތަކުގައި ބޭނުންވާ ރައްކާތެރިކަމާއި އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މި މިނިސްޓްރީން ކުރަމުން އަންނަ އެންމެ މުހިއްމު އެއް މަސައްކަތެވެ. 

27 ޖުމާދަލްއޫލާ 1444

21 ޑިސެމްބަރު 2022

Leave a Reply

Your email address will not be published. Required fields are marked *