“ގެވެށި ގުޅުން” ކެމްޕޭނަށް ޕާކިސްތާނުން އެހީތެރިކަން ފޯރުކޮށްދީފި

 

ދިވެހި ސަރުކާރުގެ “ގެވެށި ގުޅުން” ކެމްޕޭނަށް ޕާކިސްތާން ސަރުކާރުން 2،972،205ރ (ދެ މިލިއަން ނުވަ ލައްކަ ހަތްދިހަ ދެހާސް ދުއިސައްތަ ފަސް ދިވެހި ރުފިޔާ) ގެ އެހީ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެހީގެ މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ ހާލާ ޙަމީދު އެވެ. އަދި ޕާކިސްތާނުގެ ފަރާތުން ސޮއިކުރެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމިރަލް އަތަރް މުޚްތާރް އެވެ. މިއަދު ސޮއިކުރެވުނު ޖޮއިންޓް މޮނީޓަރިން މެކޭނިޒަމްއާއެކު ޕާކިސްތާން ސަރުކާރުން “ގެވެށި ގުޅުން ކެމްޕޭން”އަށް ދެއްވާ ރަސްމީ އެހީ ހަމަޖެހިގެންދާނެއެވެ. “ގެވެށި ގުޅުން” ކެމްޕޭންއަކީ ގެވެށި އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ޖުލައި 2020 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އިސްނަގައިގެން ދިވެހި ސަރުކާރުން ފެށި ކެމްޕޭނެކެވެ. ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެކެވެ.

ޕާކިސްތާނުން މިއަދު ދިން އެހީއާއެކު ކެމްޕޭން އިތުރަށް ފުޅާކޮށް، އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް މަގުފަހި ވެގެންދާނެއެވެ. އަދި މިއެހީއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު އޮންނަ  ގާތް ބަދަހި ގުޅުމުގެ ރަމްޒެކެވެ.

19  ޛުލްޤަޢިދާ 1442

29 ޖޫން 2021

Leave a Reply

Your email address will not be published. Required fields are marked *