ގެވެށި ގުޅުން” ކެންޕެއިންގެ މަޖައްލާ “ސާސްތުރަ” ނެރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދުދީދީ ދައްކަވާފައިވާ ވާހަކަފުޅު

ޙަމްދާއި ސަނާ ހައްގުވެގެން ވަނީ ގެވެށި ގުޅުން އެންމެ މާތް އެއް ގުޅުން ކަމުގައި ލެއްވި ﷲ ސުބުހާނަހޫ ވަތަޢާލާއަށް. ޞަލަވާތާއި، ސަލާމްލެއްވުން އެދި ދުޢާ ކުރަނީ ގެވެށި ގުޅުން އޮންނަންވީ ގޮތުގެ އެންމެ މަތިވެރި ނަމޫނާ ދެއްކެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް. މި ޞަލަވާތުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން.

މި ރަސްމިއްޔާތުގެ ޝަރަފުވުރި މެހުމާން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު. ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް އަތަރް މުޚްތާރް. އަދި، ވަޑައިގެންތިއްބެވި އެންމެހާ ބޭފުޅުން. އައްސަލާމް ޢަލައިކުމް.

އާދެ. އަޅުގަނޑަށްވެސް މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. މި އުފާވެރި ރަސްމިއްޔާތުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންދެއްވާ ކަމީ މި ރަސްމިއްޔާތަށް ލިބުނު އިތުރު ފުރިހަމަ ކަމެއް.  އަދި މީގެ އިތުރުން، ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ކުރިއަށްގެންދިޔަ ސާސްތުރަ ޓީވީ ސީރީޒްގެ ފަހު އެޕިސޯޑުގައި މެހްމާނެއްގެ ގޮތުން އެކަމަނާ ބައިވެރިވެވަޑައިގެންދެއްވައި އަގުހުރި ވާހަކަފުޅުތަކެއް ހިއްސާކޮށްދެއްވާފައިވާ ކަން މި ފުރުސަތުގައި ހަނދާނަށް ގެންނަން. މި ހުރިހާ ކަމަކުން ދޭހަކޮށްދެނީ ގެވެށި އަނިޔާ ހުއްޓުވުމަށް އަޅުގަޑުމެން މިކުރާ މަސައްކަތަށް އެކަމަނާ ދެއްވާ ޚާއްޞަ ސަމާލުކަމުގެ ބޮޑުކަން. މި ކަމަށްޓަކައި އެކަމަނާއަށް ވަރަށް އިހުލާސްތެރިކަމާއެކު އަޅުގަޑުގެ އަމިއްލަ ނަމުގައާއި އަޅުގަޑުމެންގެ މިނިސްޓްރީގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މިއަދު މި ނެރެވޭ މަޖައްލާ އަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަރަށް އަގުހުރި މަސައްކަތެއް. މީގެ ސަބަބުން މުޖުތަމައުގައި އިތުރުވެގެންދާނީ ހޭލުންތެރިކަން. ބަދަލުވުމަށް މަގުފަހިވެގެން އަންނާނީ ޒަމާނުއްސުރެ އަށަގެންފައި އޮތް ބޯދާ ވިސްނުން. ބަދަހިވެގެން އަންނާނީ އާއިލާތަކުގެ ތެރޭގައި އޮތް ގެވެށި ގުޅުން.

މީގެ ދެ އަހަރު ކުރިން މި މަގާމާ އަޅުގަނޑު ހަވާލުވި ހިސާބުން ފެށިގެން އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދެމުން މި އަންނަ އެއް ކަމަކީ ޕްރިވެންޝަންއަށް ކުރެވޭ މަސައްކަތްތައް ވަރުގަދަކުރުން. ހޭލުންތެރިކުރުވުމަކީ ޕްރިވެންޝަންއަށް ކުރެވޭނެ އެންމެ މުހިންމު އެއް މަސައްކަތް. ހޭލުންތެރިކަން އިތުރުވުމުގެ ނަތީޖާއަކަށް ވަނީ ގެވެށި އަނިޔާފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކާ މެދު ކަންބޮޑުވާ މީހުން އިތުރުވުން. އެކަންކަން ތަކުރާރުވުމަށް ޖާގަ ދޭން ބޭނުން ނުވާ މީހުންގެ އަދަދު ގިނަވުން. އަދި ހަމައެއާއެކު އަނިޔާ ތަހައްމަލުކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންގެ އަދަދުވެސް މަތިވުން. މީގެ ސަބަބުން އަނިޔާ ތަހައްމަލުކުރާ ފަރާތްތައް ބާރުވެރިވެ ޚިދުމަތް ހޯދުމަށާއި، އިންސާފު ހޯދުމަށް އެފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ދިރުން ލިބޭ. މިނިސްޓްރީއަށް ހުށަހެޅެމުން އަންނަ ގެވެށި އަނިޔާގެ މައްސަލަތަކުގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އައުމަކީ މިދެންނެވި ނަތީޖާގެ އަސަރުކަން ޔަގީން. މިދިޔަ އަހަރު އެކަނިވެސް މިނިސްޓްރީއަށް ގެވެށި އަނިޔާގެ 494 މައްސަލައެއް ހުށަހެޅިފައިވާ އިރު މިއީ މިވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައިވެސް އެންމެ ގިނަ އަދަދަކަށް ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓްކުރެވުނު އަހަރުކަމުގައި އަޅުގަނޑު ފާހަގަކުރަން.

މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުން އައުމަކީ ޝައްކެއްވެސް ނެތް ގޮތުގައި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް. އެހެން އެކަން އޮތްކަމުގައި ވިޔަސް އަނިޔާ ތަހައްމަލުކުރަމުން އަންނަ ފަރާތްތަކުގެ ތެރެއިން އެހީތެރިކަމަށް އެދޭ ފަރާތްތައް އިތުރުވަމުން އައުމަކީ އަނިޔާގެ ސަބަބުން ވަކި ވަކި ފަރުދުންނަށާއި، އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމެއް. ސަރުކާރުގެ އަމާޒަކީ ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދެވޭ އެހީތެރިކަން އިތުރުކޮށް، އިތުރު އަނިޔާއަށް އެފަރާތްތައް ހުށަހެޅުމުގެ ފުރުސަތު ކުޑަކުރުން. މި އަމާޒު ހާސިލްކުރުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ހިދުމަތް ފޯރުކޮށްދޭ މުވައްޒަފުންގެ އަދަދު އިތުރުކޮށް އެ މުވައްޒަފުންގެ ފަންނީ ގާބިލްކަން އިތުރުކުރުމާއި، ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރުން ފަދަ އެތައް މަސައްކަތެއް މިހާރުވެސް މި އަންނަނީ ކުރަމުން.  މީގެ އިތުރުން ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރު ގާއިމްކުރެވިފައިވާ ތަންތަނާއި ވަސީލަތްތައް އިތުރަށް ތަރައްގީކޮށް އިތުރު ތަންތަނާއި ވަސީލަތް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި މިއަންނަނީ ކުރަމުން. މިގޮތުން މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ފަދައިން ގެވެށި އަނިޔާގެ ސަބަބުން ވަގުތީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން. ރ. އުނގޫފާރު، އައްޑޫ ސިޓީގެ ހިތަދޫ އަދި ހުޅުމާލޭގައި ޑީވީ ޝެލްޓަރ ތަކެއް ގާއިމްކުރުމަށް ނިންމައި އެކަމާ ގުޅޭ މަސައްކަތްތައް މިނިސްޓްރީގެ ފަރާތުން މި އަންނަނީ ކުރަމުން.  މިހުރިހާ ކަމަކާ އެކުއެކީހެން ގެވެށި އަނިޔާ އާ ދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތައް ބާރުވެރިކޮށް އެފަރާތްތަކާއެކު ގުޅިގެން ކުރާ މަސައްކަތްތައްވެސް މި އަންނަނީ އިތުރުކުރަމުން.

ގެވެށި އަނިޔާގެ މައްސަލައަށް ހަގީގީ ހައްލެއް އަންނާނީ ގެވެށި ގުޅުންތައް ހަރުދަނާވެގެން. ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމާއި، މައިންބަފައިންނާއި ދަރިންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެގެން. ގެވެށި ގުޅުން ކެމްޕެއިންގެ އެންމެ މުހިންމު އެއް އަމާޒަކީ ވެސް މި ދެންނެވި ފަދަ ގުޅުންތައް ވަރުގަދަކުރުން. އަދި އެކަމަށް މަގުފަހިކޮށްދޭނެ ކަންކަމާ މެދު މުޖުތަމައު ހޭލުންތެރިކުރުވުން. މިއަދު މިނެރެވޭ މަޖައްލާއަކީ އެ މަސައްކަތް އިތުރަށް ވަރުގަދަކޮށްދޭނެ ވަސީލަތަކަށް ވާނެ ކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަން. އަޅުގަނޑުގެ އުންމީދަކީ މި މަޖައްލާގެ ސަބަބުން ގިނަ ބަޔަކަށް ގެވެށި އަނިޔާ އާއި އަދި ގެވެށި ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މުހިންމު މައުލޫމާތު ތަކެއް ލިބީ އޭގެ ފައިދާ މުޖުތަމައުން ފެނުން. 

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން މިއަދު މި ނެރެވޭ މަޖައްލާ ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. ވަކިން ހާއްސަ ގޮތެއްގައި މަޖައްލާއަށް އާޓިކަލްތައް ލިޔެދެއްވި ފަރާތްތަކާއި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ގެވެށި ގުޅުން ކެމްޕެއިން ކުރިއަށްގެންދިއުމަށްޓަކައި ވެދެއްވާފައިވާ އެހީތެރިކަން އަޅުގަނޑު މި ފުރުސަތުގައިވެސް ފާހަގަކުރަން.

I would like to take this opportunity once again to thank Pakistan government and people of Pakistan, especially His Excellency Vice Admiral Athar Mukhtar, for the generous assistance provided to carry out Geveshi Gulhun campaign.

މާތް ﷲ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢު އަކީ ގެވެށި ގުޅުން ބަދަހިވެފައިވާ ޢާއިލާތަކެއް ދިރިއުޅެމުން އަންނަ ތަނެއް ކަމުގައި ލައްވާށި. އަދި، ރައްކާތެރިކަމާއި ހަމަޖެހުން ގާއިމުވެފައިވާ ފަހުރުވެރި ޢާއިލާތަކެއްބިނާކުރުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން. ވައްސަލާމް ޢަލައިކުމް.

Leave a Reply

Your email address will not be published. Required fields are marked *