ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް، ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތަޢާރަފްކުރުން

ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް ސްކޫލްތަކުގެ ކީ ސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ތަޢާރަފްކޮށްފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށްގެންދާ ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކުރި މި ވާހަކަ ފޮތް ސީރީސް ކީ ސްޓްޖް 1 އަދި 2 ގެ ދަރިވަރުން ތަޢާރަފްކުރުމުގެ ގޮތުން މި ސްޓޭޖްތަކުގެ ދަރިވަރުން ކިޔަވަމުން އަންނަ ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެން މިއަދު ޚާއްސަ ހަރަކާތެއް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިކަން ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހެނދުނު މާލޭގެ ޢިއްޒުއްދީނު ސްކޫލްގައި ޚާއްސަ ހަފުލާއެއް ވަނީ ބާއްވާފައެވެ.  މި ހަފުލާ ޝަރަފްވެރިކޮށްދެއްވައި، ވާހަކަ ފޮތް ސީރީސް ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޒިފްލީނާ ޙަސަންއެވެ.

ޢިއްޒުއްދީނު ސްކޫލްގައި މިއަދު ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަން ވަނީ މިއަދު ތަޢާރަފްކުރި ވާހަކަ ސީރީސްގެ ހުރިހާ ފޮތެއްވެސް ކިޔުމަށާއި އަދި އެއިން ކޮންމެ ވާހަކައަކުންވެސް ލިބޭ މެސެޖާ މެދު ވިސްނުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި، އެ މެސެޖުތަކުގެ އެހީގައި އެހެން ކުދިންނާއި، މީހުން ލޯބިވާ ފަދަ ބަޔަކަށް ވުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން ކުދިންނަށް ދިވެހި ގަޑީގައި ކުރިއަށްގެންދާ ކިޔުމާއި ގުޅޭ މަސައްކަތްތަކުގައި ވާހަކަ ފޮތްތައް ވީހާވެސް ގިނައިން ބޭނުންކުރެއްވުމަށާއި، އެ ވާހަކަ ފޮތްތަކުން ފޯރުކޮށްދޭ މެސެޖު ކުދިންނަށް ފަހުމްވާނެ ގޮތަކަށް މަސައްކަތްތައް ރާވައިދެއްވުމަށް ސްކޫލްތަކުގެ ދިވެހި މުދައްރިސުންގެ ކިބައިން ސްޓޭޓް މިނިސްޓަރ ޒިފްލީނާ ޙަސަން އެދިވަޑައިގެންފައިވެއެވެ. .

ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސް އަކީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް ކުޑަކުދިންގެ ކިބައިގައި އެންމެ ޅައިރުއްސުރެ އަށަގަންނުވަންޖެހޭ އާދަތައް ބުނެދިނުމަށާއި، އެ އާދަތަކަށް އެކުދިން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި ތައްޔާރުކޮށްފައިވާ ވާހަކަ ފޮތް ސީރީސް އެކެވެ. މި ސީރީސްގައި 6 ވާހަކަ ފޮތް ހިމެނޭނެ އެވެ. އަދި، މި ވާހަކަ ފޮތްތައް ކީ ސްޓޭޖް 1 އަދި 2 ގައި ކިޔަވާ ދަރިވަރުން ސްކޫލްތަކުގައި ތިބި ނިސްބަތުން ރާއްޖޭގެ ހުރިހާ ސްކޫލަކަށްވެސް މިނިސްޓްރީގެ ފަރާތުން ވަނީ ހަދިޔާކޮށްފައެވެ.

“ގެވެށި ގުޅުން” ކެމްޕެއިން އަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު މި މިނިސްޓްރީގެ ފަރާތުން ފެށި ކެމްޕެއިނެކެވެ. ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނެ އެވެ. މި ކެމްޕެއިންގެ ދަށުން މިހާތަނަށް އައިއިރު ގިނަ ހަރަކާތްތަކެއް މިނިސްޓްރީގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ވީޑިއޯ ލަވަ، މަޖައްލާ، ރޭޑިއޯ ޑްރާމާ ސީރީސް، ޓީވީ ޕްރޮގްރާމް ސީރީސް، ބުކްލެޓް، ޕޯސްޓަރ އަދި ބިލްބޯޑްފަދަ ތަކެތި ވަނީ ތައްޔާރުކޮށްފައެވެ. މީގެ އިތުރުން ގެވެށި އަނިޔާއާ ގުޅޭ ގޮތުންނާއި، ޢާއިލީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ރަށްރަށުގައި މަޢުލޫމާތުދިނުމުގެ ސެޝަންތައް ކުރިއަށްގެންދާނެ ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ގެވެށި ގުޅުން ކެމްޕެއިންގެ ދަށުން މި މިނިސްޓްރީގެ ފަރާތުން އަންނަނީ ކުރަމުންނެވެ.

 

06 ޝައުބާން 1444

26 ފެބްރުއަރީ 2023

Leave a Reply

Your email address will not be published. Required fields are marked *