ތަޢުލީމީ ދާއިރާއިން އަންހެން ކުދިން ހޯދަމުން ދާ ކާމިޔާބީތައް ވަޒީފާގެ މައިދާނުން ވެސް ފެންނަންވާނެކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވެއްޖެ

ދިވެހިރާއްޖޭގައި ފިރިހެން ކުދިންނަށް ވުރެ ގިނައިން އަންހެން ކުދިން މަތީ ސާނަވީ ތަޢުލީމު ފުރިހަމަކުރާ ކަމަށާއި، މި ކާމިޔާބީތައް ވަޒީފާގެ މައިދާނުން ވެސް ފެންނަންވާނެކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ގަރލް ގައިޑް އެސޯސިއޭޝަންގެ ފަރާތުން ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ތަޢުލީމާއި، ކުޅިވަރާއި އެ ނޫން ވެސް ދާއިރާތަކުން ބައިނަލްއަޤުވާމީ އަދި ޤައުމީ ފެންވަރުގައި ދިވެހި އަންހެން ކުދިން ފަޚުރުވެރި ކާމީޔާބީތަކެއް ހޯދަމުން ދާ ކަމަށެވެ. ނަމަވެސް، ކަންކަން ނިންމާ ފެންވަރުގައްޔާއި ޢާންމުކޮށް އަންހެނުން މަސައްކަތްކޮށް ނޫޅޭ ދާއިރާތައް ނުވަތަ ނޮން-ޓްރެޑިޝަނަލް ރޯލްތަކަށް ކުރިމަތިލާ އަންހެނުންގެ އަދަދު އަދި ވެސް ވަރަށް މަދު ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިނިސްޓަރ ޒެނީޝާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގައި އަންހެން ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކަކީ ޤައުމީ ފެންވަރުގައި ވެސް ކަންބޮޑުވާން ޖެހޭ މައްސަލަތަކެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށަހެޅެނީ އަންހެން ކުދިންނާއި އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަން ފާހަގަކުރައްވައި، އެ ފަދަ މައްސަލަތަކުގެ ތެރޭގައި ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ އަނިޔާގެ މައްސަލަތައް ހިމެނޭ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އަދި އަންހެން ކުދިންގެ ކުރިއެރުމަށް މުޖުތަމަޢުގައި ހުންނަ ހުރަސްތަކާއި، އަންހެން ކުދިންނާ މެދު ކުރެވޭ ތަފާތުކުރުންތައް ނައްތައިލުމަށް، ޢާއިލީ ފެންވަރުގައްޔާއި، ރަށު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި މަސައްކަތްކުރެއްވުމަށް އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި އަންހެން ކުދިން ބާރުވެރިކުރުވުމަށްޓަކައި، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި، އުފަންވެނި ޞިއްޙަތާއި، ޖެންޑަރ ސްޓީރިއޯޓައިޕިންގް ފަދަ ކަންކަމާ ބެހޭ ގޮތުން ހޭލުންތެރިކޮށް، އެ މަޢުލޫމާތު އަންހެން ކުދިންނަށް ފޯރުކޮށްދޭން ޖެހޭކަމަށް ވެސް ވިދާޅުވިއެވެ. އަދި މި ބަދަލުތައް މުޖުތަމަޢަށް ގެނައުމަށްޓަކައި އަންހެން ކުދިން “އޭޖެންޓްސް އޮފް ޗޭންޖް”ގެ ގޮތުގައި ހަރަކާތްތެރިވެ، އަންހެން ކުދިންނަކީ ކެރޭ، ހީވާގި، ބާރުވެރި، ޤައުމު ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރާނެ ފަދަ ބަޔަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހަކީ، އަންހެން ކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި އަންހެން ކުއްޖަކަށްވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކުރައްވައި، 2011ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުންދާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

02 ޞަފަރު  1440

11 އޮކްޓޫބަރު 2018

Leave a Reply

Your email address will not be published. Required fields are marked *