ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ޚާއްޞަ ހޮލިޑޭ ކޭމްޕުތަކެއް ހިންގައިފި

ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ޚާއްޞަ ހޮލިޑޭ ކޭމްޕުތަކެއް ހިންގައިފިއެވެ.

ކުދިންގެ ޝައުޤުވެރިކަން ހުންނަ އެކި ދާއިރާތަކުން ކުދިންގެ ހުނަރު ތަރައްޤީކުރުމުގެ މަޤްޞަދުގައި، އެ ކުދިންގެ އުމުރުފުރާއާ ގުޅޭ ތަފާތު ހަރަކާތްތަކާއެކު ހިންގި މި ކޭމްޕުތައް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެންނެވެ.

ފިޔަވަތި މަރުކަޒުގައި ދިރިއުޅޭ ގްރޭޑް 1ން ފެށިގެން 6އާ ދެމެދުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މި މަހުގެ 25އިން 26އަށް މި ކޭމްޕު ހިންގިފައިވާއިރު، ކުޑަކުދިންގެ ހިޔާ މަރުކަޒުގައި މި ކޭމްޕު ހިންގުނީ މި މަހުގެ 26އިން 27އަށް ގްރޭޑް 6އިން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ.

މި ކޭމްޕުގައި ކުރިއަށް ގެންދެވުނު ބައިތަކުގެ ތެރޭގައި ގުޅިގެން މަސައްކަތްކުރުން، އަމިއްލަ ނަފުސަށް އިތުބާރުކުރުމާއި ރައްކައުތެރިކަން، ޙައްޤުތަކާއި ޒިންމާތައް އަދި ކެރިއަރ ގައިޑެންސް ހިމެނެއެވެ.

ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން މި އަހަރު ޖަނަވަރީ މަހު ވެސް ހޮލިޑޭ ޕްރޮގްރާމްތަކެއް އިންތިޒާމުކޮށްފައިވެއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމްލަ 136 ކުދިން ދިރިއުޅެމުންދާއިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 89 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތި މަރުކަޒުގައެވެ. އަދި 12 އަހަރުން މަތީގެ 47 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާ މަރުކަޒުގައެވެ.

12 ރަޖަބު 1439

29 މާރިޗު 2018

Leave a Reply

Your email address will not be published. Required fields are marked *