ފުވައްމުލައް ސިޓީގެ އެކި އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ބައްދަލުކުރައްވައިފި

ފުވައްމުލައް ސިޓީގެ އެކި އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ބައްދަލުކުރައްވައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގައި ބުދަ ދުވަހުގެ ރޭ ބޭއްވި މިބައްދަލުވުމުގައި، މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ދެއްކެވި ވާހަކަފުޅުގައި، ދައުލަތުގައި ބެލުމުގައި ތިބި ކުދިން ބޭތިއްބުމަށް ފުވައްމުލައް ސިޓީގައި ޤާއިމްކޮށްފައިވާ އަމާން ވެއްޓަކީ ނަމޫނާ ތަނެއް ކަމަށާއި، ފުވައްމުލަކުގެ ރައްޔިތުންވެސް އެތަނުގައި ތިބި ކުދިން ބަލައިގެންފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އަމާން ވެށީގެ ކުދިންނަށްވެސް އެހެން ކުދިންނެކޭ އެއްގޮތަށް އަމާން މާހައުލެއްގައި އުޅެވެން ޖެހޭނެކަން އެންމެހާ ރައްޔިތުންވެސް ޤަބޫލުކުރައްވަންޖެހޭ ކަމަށާއި، އެފަދަ މާހައުލެއް މިއަދު ފުވައްމުލަކުން ފެންނަމުންދާކަމީ އުފާކުރައްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި މުޖުތަމަޢުގެ ތެރޭގައި ކަންކަން ހިނގާގޮތް އެކުދިންނަށް ދައްކާ އެކުދިންވެސް އެކަންކަމުގައި ބައިވެރިކޮށްގެން ޢާއިލާތަކުން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން ދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ލާމަރުކަޒު ކުރެވިގެން މިއަދު ކަންކަން ރޭވިގެންދާއިރު، އިޖްތިމާޢީ ބަދަހި މަދަދުވެރިން ނުވަތަ “އިބަމަ” އަކީ، މުޖުތަޢުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހިނގުމުގެ ކުރިން އެކަމެއްވިޔަ ނުދިނުމަށް އަދި ކަމެއް ދިމާވުމުން، އެކަމަކާއި ގުޅިގެން މަސައްކަތް ކުރުމަށް، ކޮންމެ މުޖުތަމަޢުއަކަށްވެސް ވަރަށް ބޭނުންތެރި ޕްލެޓްފޯމެއް ކަމަށް މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވިއެވެ. އެހެންކަމުން އަޅާލާ އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމަށް، ރަށުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން “އިބަމަ”ގެ ތެރެއިން މަސައްކަތްކޮށްދެއްވުމަށް، ފުވައްމުލަކުގެ ހުރިހާ އިދާރާތަކަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

މިބައްދުލުވުމުގައި ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްޒެޓެންޓިވް، މަރުޖާން މޮންތާޒަމީ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ވިދާޅުވީ، ޔުނިސެފުން “އިބަމަ”ގެ މަސައްކަތަށް ފަންނީ އަދި މާލީ އެހޭތެރިކަން ފޯރުކޮށްދެމުންދަނީ ވަރަށް ގިނަ ސަބަބުތަކާއި ހެދި ކަމަށާއި، އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި ޢުމުރުން ދުވަސްވީ މީހުންނާއި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށް އެއްވެސް ނޭދެވޭ ކަމެއް ދިމާވުމުން ނުވަތަ އެފަދަކަމެއް ވިޔަނުދިނުމަށް، ހައްލު ހޯދަދެވޭނެ ފަދަ ފަރާތަކަށް “އިބަމަ” ވެގެންދާތީ ކަމަށެވެ.

މި ބައްދަލުވުމުގައި “އިބަމަ” އާއި ގުޅޭ މަޢުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ޔުނިސެފްގެ އިބަމަ ކޮންސަލްޓެންޓް ފާތިމަތު ޝެހެޒިނީ ވަނީ ދެއްވާފައެވެ. މިބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ ހުރިހާ ދާއިރާއަކުން ކަމުވޮށިގެންވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

16 ރަޖަބް 1443

17 ފެބްރުއަރީ 2022

Leave a Reply

Your email address will not be published. Required fields are marked *