މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ 19 އަތޮޅެއްގައި ޤާއިމްކުރެވިފައިވާ ފެމިލީ އެންޑް ޗައިލްޑް ސަރވިސް ސެންޓަރުތަކާއި ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާ ފަދަ މަރުކަޒުތަކުގެ މަސައްކަތް ދަސްކުރުމަށާއި އެ ދާއިރާގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެތަންތަނުގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި އިންޓަރންޝިޕް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ މިނިސްޓްރީގެ މެންޑޭޓްގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދާ މައިގަނޑު ދާއިރާތައްކަމަށްވާ އަންހެނުން، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ކުރިއަރުވާ ހިމާޔަތްކުރުމަށްޓަކައި ކުރާމަސައްކަތްތަކާއި ސޯޝަލް ވާރކްގެ ދާއިރާއާއި އިޖުތިމާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ އަދި އެ ދާއިރާތައް ދަސްކުރަން ބޭނުންވާ ފަރާތްތަކާއި އެ ދާއިރާތަކުން ތަޢުލީމް ހާސިލްކުރަމުންދާ ފަރާތްތަކަށް ޢަމަލީގޮތުން މަސައްކަތްކުރުމާއި ތަޖުރިބާ ހޯދުމަށް މަގުފަހިކޮށްދިނުމެވެ. އަދި މި ޕްރޮގްރާމްގެ ދަށުން، އިންޓަރންއެއްގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ސަރުކާރުގެ އޮފީހެއްގައި އާންމުގޮތެއްގައި ދުވަހުން ދުވަހަށް ކުރާ އިދާރީ މަސައްކަތްތައް އުގަންނައިދުނުމާއި، މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތަކާ ގުޅޭ އަސާސީ ހުނަރުތައް އުގަންނައިދިނުމާއި، އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީ އިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅުންހުރި މަޢުލޫމާތާއި ހުނަރު ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިނިސްޓްރީގެ އިންޓަރންޝިޕް ޕްރޮގްރާމްއާބެހޭ މިންގަނޑުތައް މިނިސްޓްރީގެ ވެބްސައިޓް www.mlg.gov.mv އިން ލިބެންހުންނާނެއެވެ. އަދި މި އިންޓަރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކުން ކުރިމަތިލުމަށް ހުށަހަޅަންޖެހޭ މައުލޫމާތު މިނިސްޓްރީގެ ރިސެޕްޝަނަށް ނުވަތަ މިނިސްޓްރީގެ އީ-މެއިލް hr@gender.gov.mv/en އަށް ފޮނުއްވުން އެދެމެވެ.

8 އޮގަސްޓް 2016

Leave a Reply

Your email address will not be published. Required fields are marked *